މިދިޔަ ބުދަދުވަހު އެމަރޖެންސީ ފަރުވާ ނުދެވި ލަސްވެގެން ނިޔާވި ފާތުމަތު މިޝްކާ ބަލައި އެމްބިއުލާންސް ފޮނުވާފައިވާކަމަށް ބުނެ ޢާއިލާއަށް ދީފައިވަނީ ތެދު މަޢުލޫމާތު ނޫންކަން ހާމަވެއްޖެއެވެ. އުމުރުން 10 އަހަރުގެ މިޝްކާގެ މަރާއި ގުޅިގެން ކަން ހިނގާދިޔަ ގޮތް ބެލުމަށް ހެލްތް މިނިސްޓްރީން ކުރި ތަހުޤީގުން މި ހާދިސާ ހިނގި ގޮތުގައި ހުރި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން ހެދި ރިވިއުން އެނގޭ ގޮތުގައި މިޝްކާ ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ މޭމައިހުގެ 28 ވަނަދުވަހުއެވެ. އަދި ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންތޯ ބެލުމަށްފަހު އާއިލާއިން ޑޮކްޓަރަށް ދައްކަން އެދުމުންވެސް އެކަންވެސް ކޮށްދެވިފައިނުވާކަން ހެލްތް މިނިސްޓްރީގެ ރިޕޯޓްގައިވެއެވެ. އަދި މިޝްކާގެ އާއިލާއިން ދިން މައުލޫމާތު ސިސްޓަމަށް އަޅާފައި ނުވާކަމަށާއި ކޯވިޑަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ކުދިންގެ އާއިލާއަށް ގުޅާ މައުލޫމާތު ކޮންމެ ދުވަހަކު ހޯދުމަށް އޮންނަ އުސޫލުން އެކަންވެސް ފުރިހަމަކޮށްފައި ނުވާކަންވެސް މި ރިޕޯޓްގައިވެއެވެ.
މިޝްކާގެ ހާލު ފުރަތަމަ ގޯސްވާ ފެށުމުން ކޯލް ސެންޓަރަށް ގުޅާ ދިން މައުލޫމާތު އެއްކޮށް ޑޮކްޓަރުގެ ލަފާ އައިލާއަށް ދިންކަން އެގެއެވެ. އެހެންނަމަވެސް އިތުރަށް ހާލު ގޯސްވެ އެރޭ އަނެއްކާވެސް އައިލާއިން ކޯލް ސެންޓަރަށް ގުޅާފައިވެއެވެ. އަދި އައިލާއިން ދިން މައުލޫމާތަށް ބަލާ ޑޮކްޓަރު މިޝްކާގެ ބެލެނިވެރިޔާއަށް ގުޅި ކޯލް މިސްވުމުން އާއިލާގެ ފަރާތުން އަނެއްކާވެސް ކޯލް ސެންޓަރަށް ގުޅިކަން ރިޕޯޓްތަކުން އެގޭކަމަށްވެސް ހެލްތް މިނިސްޓްރީގެ ރިވިއުގައިވެއެވެ. އަދި އެފަހަރުވެސް ޑޮކްޓަރު އަލުން ބެލެނިވެރިންނަށް ގުޅާ ކުއްޖާގެ ހާލަތު ބަލާފައިވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އޭގެ ފަހުން އަނެއްކާވެސް ކުއްޖާގެ ހާލަތު ގޯސްވެ ނޭވާލާން އުނދަގޫވާތީ ބެލެނިވެރިން ވަނީ ކޯލް ސެންޓަރަށް ގުޅާ އެކަން ހިއްސާކޮށްފައެވެ. އަދި މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކަންވެސް އައިލާއިން ވަނީ އަންގާފައެވެ. އަދި މި މައުލޫމާތުތައް ޑޮކްޓަރު ނޯޓްކޮށްފައިވާކަންވެސް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އަދި މި މައުލޫމާތުތައް އެމްބިއުލާންސް އެކްޓިވޭޓްކުރަންޖެހޭ ދިމާތަކަށް ޑޮކްޓަރު ފޮނުވިނަމަވެސް އެމްބިއުލާންްސް ދާން އަންގާފައި ނުވާކަންވެސް ރިޕޯޓުން އެގެއެވެ.
އާއިލާއިން ތަކްރާރުކޮށް ގުޅުމުން އެމްބިއުލާންސް ފޮނުވިކަމަށް ކޯލް ސެންޓަރުން ބުނިނަމަވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާކަން މިޝްކާގެ މަރާއި ގުޅިގެން ހެދި ރިވިއުން އެގެއެވެ. އަދި އެމްބިއުލާންސް ފޮނުވީ އެކަން ލަސްވެގެން އާއިލާ މީހަކު ދަރުބާރުގެއަށް ދިޔަ ފަހުންކަމަށާއި އެމްބިއުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަންވަނީ ރިވިއުއިން ހާމަވެއެވެ.
ހެލްތް މިނިސްޓްރީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން މި ކޭސްގައި ފަރުވާ ދިނުމުގައި އެމަޖެންސީ ހާލަތެއްގެ ގޮތުގައި ބެލިފައި ނުވާކަމަށް ވަނީ ބުނެފައެވެ. އަދި އެފަދަ ހާލަތެއްގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އަމަލުކޮށްފައި ނުވާކަންވެސް ރިޕޯޓްގައިވެއެވެ.
މިޝްކާގެ މަރާއި ގުޅިގެން މިފަދަ ހިތާމަވެރި ކަމެއް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ބައެއް ބަދަލުތައް ވަގުތުން ވަގުތައް ގެނެސްފައިވާކަންވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އެޗްއީއޯސީގެ މެޑިކަލް ރެސްޕޮންސް ޓީމުން މަސައްކަތް ކުރާގޮތް ބަދަލުކޮށް އިމަޖެންސީ ކޯލްތައް ކެޓަގަރައިޒްކޮށް އެ ކޯލްތަކާއި ގުޅިގެން އަމަލުކުރާ ގޮތް ބެލޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން އެމަޖެންސީ ކޭސްތަކުގެ މައުލޫމާތު ޑޯކްޓަރުންނަށް ވަގުތުން ލިބި ޑޮކްޓަރުން އެކަންކަމަށް އެޓެންޑްވޭތޯ ބަލާނެ އިންތިޒާމުތައްވެސް ޤާއިމުކުރާނެކަން ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކޯވިޑް ބަލީގެ މީހުން ޑޮކްޓަރަށް ދައްކާ އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމުތައް މާލެ ސަރަހައްދުގައި ހަމަޖައްސާ އެތަންތަނުން 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމު މިހާރު ފަށާފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ. އަދި އިމަޖެންސީ ހާލަތުގައި އެމްބިއުލާންސަށް އެދެފިނަމަ އެ ބޭނުންވާ ހިދުމަތް ދިނުމަށް އެމްބިއުލާންސް ފޮނުވަންޖެހޭ އިންތިޒާމުތައް ހަމަޖައްސާ އިމަޖެންސީ މެޑިކަލް ސާރވިސް ވަކި ހިދުމަތެއްގެ ގޮތުގައި ހަމަޖައްސާ އެކަމަށް ވަކި ނަމްބަރެއް ކަނޑައަޅާ އެކަން ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ހެލެތް މިނިސްޓްރީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މިޝްކާގެ މަރާއި ގުޅިގެން މައްސަލަ ބަލާ އިހުމާލުވެފައވާ މީހުންނާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްވަނީ ވިދާޅުވެފައެވެ.