ޚަބަރު

ދެ ދައުލަތުގެ ހައްލުނުވެ، އދ. އާއި އިނގިރޭސިވިލާތުގެ ނުރުހުން!


ޔަހޫދީންގެ ޢުދުވާނުގެ ސަބަބުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ފުރުޞަތު ހަނިވަމުންދާތީ، ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަމައެކަނި ޑިޕްލޮމެޓިކް ބަޔާންތައް ނެރުން ހުއްޓާލައި ޢަމަލީ ފިޔަވަޅު އަޅަންޖެހޭކަމަށް އދ. އިން ހާމަކޮށްފިއެވެ.

އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގައި ބޭއްވުނު މަތީ ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ، ޔަހޫދީން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކުގެ ސަބަބުން މިނިވަން ފަލަސްޠީނެއް ޤާއިމުކުރުމުގެ އުންމީދު ފަނޑުވަމުންދާކަމަށް ވިދާޅުވެފައެވެ. ގުޓެރޭސް ފާހަގަކުރެއްވި ގޮތުގައި، ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން ހިންގާ ޖަރީމާތަކާއި، އީ1 ސަރަހައްދުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ރާވާފައިވާ ރޭވުންތަކުގެ ސަބަބުން ފަލަސްޠީނުގެ ބިންތައް ވަކިވަކިވެ، ދެ ދައުލަތުގެ ޙައްލަށް ވަނީ ފޫނުބެއްދޭވަރުގެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ، ދެ ދައުލަތުގެ ޙައްލަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފުރިހަމަ ތާއީދު އޮތް ނަމަވެސް، ޢަމަލީ މައިދާނުގައި އެކަން ފެންނަމުން ނުދާ ކަމަށެވެ. ވޭތުވެދިޔަ އަހަރު 142 ޤައުމަކުން ދެ ދައުލަތުގެ ޙައްލަށް ތާއީދުކޮށް، އދ. ގެ ސަލާމަތީ މަޖިލީހުން ޤަރާރު 2803 ފާސްކުރި ނަމަވެސް، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގެ ޙާލަތަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދާއިމީ ސުލްޙައަކަށް އޮތް ހަމައެކަނި މަގަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ޤުދުސްއަކީ ދެ ޤައުމުގެވެސް ވެރިރަށް ކަމުގައި ކަނޑައެޅުން ކަމަށް ބައިނަލްއަޤްވާމީ ލީޑަރުން ވަނީ އިއްތިފާޤުވެފައެވެ.

މީގެއިތުރުން، އދ. ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން އިނގިރޭސި ބޮޑުވަޒީރު އެންޑީ ބަރންހަމް ވަނީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް އިނގިރޭސިވިލާތުން ހިމޭނުން ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. ބަރންހަމް ވިދާޅުވި ގޮތުގައި، ހުޅަނގު އައްސޭރީގެ ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް އިނގިރޭސިވިލާތުން އަޅާފައިވާ ފިޔަވަޅުތަކުން ދޭހަވަނީ، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަމެވެ. މީގެއިތުރުން، އޮކްޓޯބަރު 7 ގެ ޙާދިސާއަކީ ޔަހޫދީ ސަރުކާރުން ހިންގާ ޤަތުލުޢާންމާއި ޢުދުވާނުތައް ދިފާޢުކުރަން ދެއްކޭނެ ބަހަނާއެއް ނޫން ކަމަށާއި، ކުށެއްނެތް އެތައް ހާސް ކުޑަކުދިންނާއި ޢާންމުން ޝަހީދުކުރަމުންދާ މައްސަލަ އޭނާ ކުށްވެރިކުރާކަމަށެވެ.

ޚާރިޖީ ސިޔާސަތާއި ދިފާޢީ ކަންކަމަށް އަލިއަޅުއްވާލައްވަމުން ބަރންހަމް ވަނީ، އިނގިރޭސިވިލާތުގެ މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމަށްޓަކައި އެމެރިކާއާއެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދިފާޢީ އިއްތިޙާދެއް ޤާއިމުކުރައްވާފައިވާކަން އިޢުލާނު ކުރައްވާފައެވެ. އަދި ރަޝިޔާއިން ކުރިމަތިކުރުވާ ސަލާމަތީ ގޮންޖެހުންތަކަށް ރައްދުދިނުމުގައި އަސްކަރީ ޤާބިލުކަން އިތުރުކުރި ނަމަވެސް، ރަޝިޔާއާއެކު ސީދާ ކުރިމަތިލުމަކަށް ދާން ބޭނުންނުވާކަމަށާއި، އެހެންނަމަވެސް ކޮންމެފަދަ ޙަމަލާއަކުން ދިފާޢުވުމަށްވެސް އިނގިރޭސިވިލާތް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.