ޚަބަރު

ފުޓްސަލްގެ އަތޮޅު ޗެމްޕިއަނުން ކަނޑައެޅިއްޖެ، ދެން އޮތީ ޒޯން ބުރު


  • ޒޯން ބުރުގައި 35 ޓީމު ވާދަކުރާނެ

  • 6 ޒޯނެއްގައި މެޗުތައް ކުޅޭނެ

ރާއްޖޭގައި ރަސްމީ ހައިސިއްޔަތެއް ލިބި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެންޑޯޒްކުރި ރަސްމީ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ އަތޮޅު ބުރުގެ ޗެމްޕިއަނުން ކަނޑައެޅި، ޒޯން ބުރުގެ މެޗުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އެފްއޭއެމް އިން ވަނީ އަތޮޅު ބުރުގައި 16 އަތޮޅެއްގެ މުބާރާތް ކުރިއަށް ގެންގޮސްފައެވެ. އެ 16 އަތޮޅުގެ އިތުރުން، އެއް ޓީމު ބައިވެރިވި އަތޮޅު ތަކުގެ ޓީމުތަކާއިއެކު ޒޯން ބުރު ފަށާނީ ހުކުރު ދުވަހުއެވެ.

ޒޯން ބުރުގައި ޓީމުތައް ބެހިފައިވާ ގޮތަށް ބަލާލާއިރު، ކޮންމެ ޒޯނެއްގައި ވެސް ވާދަކުރާނީ އަތޮޅު ޗެމްޕިއަނުންނާއި ރަނަރަޕްގެ އިތުރުން އެއް ޓީމު ބައިވެރިވި އަތޮޅުތަކަށް ނިސްބަތްވާ ޓީމުތަކެވެ.

އެގޮތުން ނޯތު ޒޯން 1ގައި ވާދަކުރަނީ ހދ. ނައިވާދޫ އާއި ހަނިމާދޫގެ އިތުރުން ހއ. ފިއްލަދޫއާއި އިހަވަންދޫ އަދި ށ. ކަނޑިތީމެވެ.

ނޯތު ޒޯން 2ގެ މެޗުތައް ކުރިއަށްދާނީ ދެ ގުރޫޕަކަށް ހަތް ޓީމު ބަހާލައިގެންނެވެ. އެގޮތުން ގުރޫޕު އޭގައި ހިމެނެނީ ނ. މަނަދޫ، ޅ. ހިންނަވަރު، ބ. ތުޅާދޫގެ އިތުރުން ރ. އިނގުރައިދޫއެވެ. އެ ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ ބ. އޭދަފުށި، ނ. މަގޫދޫ އަދި ރ. ދުވާފައެވެ.

އެފްއޭއެމް ޒޯން ފުޓްސަލް ޗެމްޕިއަންޝިޕުގެ ސެންޓްރަލް ޒޯން 1ގައި ވެސް ހަތް ޓީމު ވާދަކުރާއިރު ގްރޫޕް އޭގައި ހިމެނެނީ ކ. ހިންމަފުށި، އއ. ބޮޑުފޮޅުދޫ އަދި އއ. މަތިވެރިއެވެ. ގްރޫޕް ބީގައި ހިމެނެނީ އދ. ދަނގެތި، އދ. މަންދޫ އަދި ކ. ގާފަރެވެ.

ސެންޓްރަލް ޒޯން 2ގައި ވެސް ހަތް ޓީމު ވާދަކުރެއެވެ. މި ޒޯނުގެ ގްރޫޕް އޭގައި ހިމެނެނީ ދ. ކުޑަހުވަދޫއާއި މާއެނބޫދޫގެ އިތުރުން ފ. ނިލަންދޫއާއި މ. ވޭވަށެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ މ. ދިއްގަރާއި ފ، ދަރަނބޫދޫ އަދި ވ. ކެޔޮދޫއެވެ.

ޒޯން ޗެމްޕިއަންޝިޕުގައި ދެން އޮންނާނީ ސައުތު ރީޖަންގެ ދެ ޒޯނެވެ. ސައުތު ޒޯން 1ގައި ހަ ޓީމު ވާދަކުރާއިރު މި ޒޯނުގެ މެޗުތައް ވެސް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ތ. ތިމަރަފުށި، ގއ. ދެއްވަދޫ އަދި ގއ. ވިލިނގިއްޔެވެ.

މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ ލ. އިސްދޫ، ތ. ވޭމަންޑޫ އަދި ލ. ގަމެވެ.

ޒޯން ޗެމްޕިއަންޝިޕްގެ ފަހު ޒޯނަކީ ސައުތު ޒޯން 2 އެވެ. މި ޒޯނުގައި ވާދަކުރާނީ ހަތަރު ޓީމެވެ. އެއީ ފުވައްމުލަކު ސިޓީ، ސ. ހިތަދޫ އަދި ގދ. ވާދޫއާއި އެ އަތޮޅު ފަރެސްމާތޮޑާއެވެ.

އެފްއޭއް ޒޯން ފުޓްސަލް ޗެމްޕިއަންޝީޕުގެ މެޗުތައް އަންނަ ހުކުރު ދުވަހު ފަށާއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ނޯތު ޒޯން 2ގެ ނ. މަނަދޫއާއި ޅ. ހިންނަވަރެވެ. އަދި ހަމަ އެ ދުވަހު، ބ. އޭދަފުއްޓާއި ރ. އިނގުރައިދޫ ވެސް ބައްދަލުކުރާނެއެވެ.

މި ޒޯނުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭނީ 30 ސެޕްޓެމްބަރުގައެވެ. މި ޒޯނުގެ ސެމީ ފައިނަލް މެޗުތައް 3 އޮކްޓޯބަރުގައި ކުޅޭއިރު ޒޯން ފައިނަލް ކުޅޭނީ 6 އޮކްޓޯބަރުގައެވެ.