ޚަބަރު

48 އަހަރުތެރޭ ރާއްޖޭގެ ތަރައްޤީއަށް ސަޢުދީން 488 މިލިޔަން ޑޮލަރުގެ އެހީ


  • ދެޤައުމުގެ ގުޅުމަކީ ޒަމާންވީ ގުޅުމެއްކަމަށް ވިދާޅުވީ

  • ކުރިއަށްއޮތްތަނުގައި ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި

ވޭތުވެދިޔަ 48 އަހަރުތެރޭ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް، ސަޢުދީ ޢަރަބިއްޔާއިން 488 މިލިޔަން ޑޮލަރުގެ އެހީ ދީފައިވާކަމަށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ޙަސަން އަލް ޤަހްތާނީ ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ 96ވަނަ ޤައުމީ ދުވާހާ ގުޅުވައިގެން އެގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ހަސަން އަލް ޤަހްތާނީ ޙިއްސާކުރެއްވި މެސެޖެއްގައި ދާޅުވީ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް 1978 ވަނަ އަހަރުން ފެށިގެން ސަޢުދީން ރާއްޖެއަށް 488 މިލިޔަން ޑޮލަރުގެ އެހީ ދެއްވާފައިވާކަމަށެވެ.

އެގޮތުން ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި، ތަޢުލީމާއި، ސިއްޙީ ޚިދުމަތްތަކާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތަކުގެ އިތުރުން ދަތުރުފަތުގެ ދާއިރާ ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

ދެގައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ސަފީރު ވިދާޅުވީ، އިސްލާމީ ކަންކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއާއި، ތަރައްޤީއާއި، ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެ ގައުމުން ޝައުޤުވެރިވާކަމަށެވެ.

އަދި ދެގައުމުގެ ރައްޔިތުންނަށްވެސް ފައިދާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި، ކުރިއަށްއޮތް އަހަރުތަކުގައިވެސް ދެ ގައުމުގެ ގުޅުން ދެމެހެއްޓުމަށް ޝައުގުވެރިވާކަމަށް ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ 96ވަނަ ޤައުމީ ދުވާހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ ތަޙުނިޔާ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޢުދީޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި ޝާހީ އާއިލާ އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.

އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ސައުދީން ވެދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.