މިއަހަރު ކުރިމަތިވެފައިވާ ވަރުގަދަ އެލް ނީނޯ މޫސުމީ ހާދިސާގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރު 451،000 މީހުން މަރުވެދާނެ ކަމަށް ފަހުގެ ދިރާސާއަކުން އިންޒާރު ދީފިއެވެ.
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ކްލައިމެޓް އިމްޕެކްޓް ލެބުން ޝާއިޢުކުރި ދިރާސާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއަހަރުގެ އެލް ނީނޯއާ ގުޅިގެން ކުރިމަތިވާ އާދަޔާޚިލާފު ގަދަ ހޫނާއި، ވައިގެ ނުސާފުކަމާއި، ޖަންގަލިތަކުގައި ރޯވުމުގެ ހާދިސާތަކުގެ ސަބަބުން 451،000 އެއްހާ މީހުންގެ ފުރާނަ ގެއްލުމުގެ ބޮޑު ނުރައްކަލެއް އެބައޮތެވެ. މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހޫނުގެ އެންމެ ބޮޑު ގެއްލުމެއް ތަޙައްމަލުކުރަން ޖެހޭނީ ކުރިންވެސް ހޫނުގަދަ އަދި ކާބޯތަކެއްޗާއި ހަކަތައިގެ ދަތިކަން ބޮޑުވެފައިވާ ފަގީރު ޤައުމުތަކަށެވެ. މީގެ އިތުރުން މެދުއިރުމަތީގައި ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން މި ޙާލަތު އިތުރަށް ގޯސްވެގެންދެއެވެ.
މި ދިރާސާ އެކުލަވައިލުމުގައި އިސްކޮށް އުޅުއްވި މައިކަލް ގްރީންސްޓޯން ވިދާޅުވީ، އެލް ނީނޯގެ އަސަރު ފެބްރުއަރީ މަހަށް ނިމުމަކަށް އައި ނަމަވެސް، އޭގެ ސަބަބުން އުފެދޭ ގަދަ ހޫނުގެ ނުރައްކާ އަންނަ އަހަރުގެ ހޫނުމޫސުމާ ހަމައަށް ދެމިގެންދާނެ ކަމަށެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައި ފިނިކުރާ ނިޒާމުތަކާއި، ފެނުގެ ވަސީލަތްތަކުގެ އިތުރުން ޞިއްޙީ ޚިދުމަތްތައް ފުރިހަމަވެފައި ހުރުމުން ރައްކާތެރިކަން ލިބުނު ކަމުގައިވިޔަސް، ވަސީލަތްތައް މަދު ފަގީރު ޤައުމުތަކުގައި ފިނިހޫނުމިން ކުޑަ މިންވަރަކަށް ވިޔަސް މައްޗަށް ދިޔުމަކީވެސް ފުރާނައަށް އޮތް ބޮޑު ނުރައްކަލެކެވެ. މި ދިރާސާ އެކުލަވާލާފައިވަނީ މުޅި ދުނިޔޭގެ 24،000 އަށްވުރެ ގިނަ ސަރަޙައްދުގެ ފިނިހޫނުމިނާއި މަރުވާ މީހުންގެ ތަފާސްހިސާބުތައް ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށްފަހުގައެވެ.
ދިރާސާއިން ދައްކާގޮތުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނީ އެފްރިކާ ބައްރުގެ ސަހަރާގެ ދެކުނުގައިވާ ސާހެލް ސަރަޙައްދަށެވެ. އެ ސަރަޙައްދުން އެކަނިވެސް 66،800 މީހުން މަރުވާނެ ކަމަށް އަންދާޒާކުރެވެއެވެ. މީގެ އިތުރުން ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ފިލިޕީންސް، ވިއެޓްނާމް، ތައިލެންޑް އަދި ކެމްބޯޑިއާއިން 19،400 މީހުން، އިންޑޮނޭޝިއާއިން 19،300 މީހުން، އިންޑިއާއިން 15،800 މީހުން އަދި ބްރެޒިލްއިން 13،300 މީހުން މަރުވެދާނެ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ހޫނުގެ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމަށާއި، އާންމުންނަށް ފިނިހިޔާވަހިކަމާއި ސާފު ބޯފެން ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިރާސާވެރިން ވަނީ ސަރުކާރުތަކަށް އިލްތިމާސްކުރައްވާފައެވެ. ޚާއްޞަކޮށް އަވީގައި މަސައްކަތްކުރާ ފަރާތްތަކާއި ދުވަސްވީ މީހުންގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް ވަނީ އެދިފައެވެ. އެންއާރުޑީސީ އިންޑިއާގެ މޫސުމީ މާހިރަކު ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ކަންބޮޑުވުން ފާޅުކުރުމުގެ ބަދަލުގައި ޢަމަލީ ފިޔަވަޅުތައް އަޅަންވީ ވަގުތެވެ. އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވުމަކީ އެލް ނީނޯގެ ނުރައްކާ އިތުރަށް ގޯސްކޮށްލާ ކަމެކެވެ. ކްލައިމެޓް އިމްޕެކްޓް ލެބުން ހާމަކުރި ގޮތުގައި، މި އަހަރުގެ އެލް ނީނޯގެ ސަބަބުން ބިމުގެ ފިނިހޫނުމިން 1.2 ޑިގްރީ ސެލްސިއަސް އުފުލި، އާދައިގެ އަހަރުތަކާ އަޅާބަލާއިރު ހޫނުގަދަ ދުވަސްތަކުގެ ނިސްބަތް 44 އިންސައްތަ އިތުރުވެގެންދާނެއެވެ.