ކޯވިޑް-19 ޖެހިފައިވާ މީހަކާއި ބައްދަލުވެފައިވާތީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އެކަހެރިވެވެޑައިގެންފިއެވެ.
ނޮވެމްބަރު މަހުގެ 12ވަނަ ދުވަހުގައި ބޮޑުވަޒީރު ޖޮންސަންވަނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންތަކަކާއި ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި ކޯވިޑް-19އަށް ޕޮސިޓިވްވި ކޮންސަވޭޓިވް ޕާޓީގެ މެންބަރު ލީ އެންޑާސަންވެސް ހިމެނެއެވެ.
ބޮޑުވަޒީރު ޖޮންސަންއަށްވަނީ މީގެ ކުރިން ކޯވިޑް-19ޖެހި، ލަންޑަންގެ ހަސްފަތާލެއްގެ ކުއްލި ފަރުވާދޭ އައިސީޔޫގައި ފަރުވާ ހޯއްދަވާފައެވެ. ބަލީގެ އެއްވެސް އަލާމާތެއް އެމަނިކުފާނުގެ ކިބައިން މިހާތަނަށް ފެނިފައިނުވާކަމަށާއި ޙާލުކޮޅު ރަނގަޅުކަމަށް ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވިއެވެ. އަދި ޤަވާއިދުތަކާއި އެއްގޮތަށް އެކަހެރިވެ ހުންނަވާ މަޤާމުގެ ޒިންމާ ޢަދާކުރައްވަމުންދާނެކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ބޮޑުވަޒީރު ޖޮންސަން އެކަހެރިވެވަޑައިގަންނަވަން ޖެހިވަޑައިގެންފައިމިވަނީ އެމަނިކުފާނުގެ އެންމެ އިސް މުޝީރުންގެ މެދުގައި ދެބަސްވުންތަކެއް އުފެދި މައްސަލަ ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ހަފުތާގައި ބޮޑުވަޒީރު ޖޮންސަންގެ ރަސްމީ އިދާރާއިންވަނީ އަންނަ މަހުން ފެށިގެން ބޮޑުވަޒީރު ޖޮންސަންގެ އެންމެ އިސް މުޝީރު އަދި ބްރެކްސިޓް މައްސަލައިގައި އިސް ދައުރެއް ޢަދާކުރައްވާ ޑޮމިނިކް ކަމިންގްސް ރަސްމީ ވަޒީފާގައި މަސައްކަތްކުރުން ހުއްޓާލާނެކަމަށް ބުނެފައެވެ. ސަރުކާރުގެ ތެރޭގައި މައްސަލަތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ސަރުކާރު އަދިވެސް އޮތީ ވަރުގަދަކޮށްކަމަށް ދެއްކުމަށް ބޮޑުވަޒީރު ޖޮންސަން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.