ދުނިޔެ

ޓްރަންޕު ބަލި ޤަބޫލުނުކުރައްވާތީ ވެކްސިން ބެހުމުގެ ރޭވުންތަކަށް ހުރަސްތަކެއް


އެމެރިކާގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެންނެވިކަން މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕު ޤަބޫލުކުރައްވަން ދެކޮޅު ހައްދަވަމުންގެންދަވާތީ އިންތިޚާބު ކާމިޔާބުކުރެއްވި ޖޯ ބައިޑަންގެ އިންތިގާލީ ވަފުދަށް ޤައުމުގެ ޞިއްޙަތާއި ބެހޭ އިދާރާތަކާއިއެކު މަޝްވަރާކުރުމަށް ހުރަސްތައް ކުރިމަތިވާން ފަށައިފިއެވެ.

ޓްރަންޕުގެ މި އަމަލުފުޅުގެ ސަބަބުން ކޯވިޑްގައި އެންމެ ޙާލަތު ގޯސްވެފައިވާ އެމެރިކާގެ ރައްޔިތުންނަށް ބައްޔާއި ދެކޮޅަށް ވެކްސިނެއް ތައްޔާރުވުމުން އެ ވެކްސިން ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެދާނެކަމަށް ޖޯ ބައިޑަންގެ ވަފުދުންވަނީ ފާހަގަކޮށްފައެވެ.

ޖޯ ބައިޑަންގެ ޗީފް އޮފް ސްޓާފުގެ މަޤާމަށް ޢައްޔަނުކުރުމަށް ހަމަޖެހިފައިވާ ރޮން ކްލައިން ވިދާޅުވީ އަންނަ ފެބުރުއަރީ ނުވަތަ މާރިޗު މަހުގެ ތެރޭގައި ކޯވިޑް ވެކްސިން ދިނުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް އިން މިވަގުތު މަސައްކަތްކުރަމުންދާކަމަށެވެ. އެހާތަނަށް ޤައުމުގެ ވެރިޔަކަށް ހުންނަވާނީ ޖޯ ބައިޑަންކަމުން ވީ އެންމެ އަވަހަކަށް އިންތިގާލީ މާހިރުންނާއި ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސްގެ ބޭފުޅުންނާއި ބައްދަލުކުރެވޭނެ އިންތިޒާމް މިހާރުގެ ސަރުކާރުން ހަމަޖައްސާދޭން ޖެހޭކަމަށެވެ.

މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް ޖެހި އެންމެ ގިނަ ޢަދަދެއްގެ މީހުން އެ ބަލީގައި މަރުވި ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 11 މިލިއަން މީހުންނަށް ބަލިޖެހި 250،000 އެއްހާ މީހުންވަނީ މަރުވެފައެވެ.

އެމެރިކާގެ އައު ރައީސްގެ މަގާމަށް ޖޯ ބައިޑަން އިންތިޚާބުވި ފަހުންވެސް އެމެރިކާގައި 738،709 މީހުންނަށް ކޯވިޑް-19ޖެހި 6،283 މީހުންވަނީ މަރުވެފައެވެ. ބައެއް ސްޓޭޓުތަކުގެ ގަވަރުނަރުންދަނީ އެ ސަރަޙައްދުތައް ފުރަބަންދުކުރުމާއި މެދު ވިސްނަމުންނެވެ. ޞިއްޙީ ނިޒާމަށް ބާރުބޮޑުވެ ހަސްފަތާލުތައްދަނީ ހަލުވިކަމާއެކު ފުރެމުންނެވެ.

ފެށުނީއްސުރެ ބަލީގެ ނުރައްކާތެރިކަމާއިމެދު މާ ބޮޑު ފަރުވާލެއް ނުބަހައްޓަވައިކަމަށް ފާހަގަވެފައިވާ ރައީސް ޓްރަންޕު، އިންތިޚާބު ނާކާމިޔާބުވެވަަޑައިގަތުމުން ބައްޔާއި މެދު މާ ބޮޑު ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ.

ޖޯ ބައިޑަންވަނީ އޭނާ ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވާނީ ކޯވިޑްގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ޙާލަތު ރަނގަޅުކުރުމަށްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިންތިޚާބު ކާމިޔާބުވުމާއި ވެރިކަމާއި ޙަވާލުވުމާއި ދެމެދު ލިބޭ މުއްދަތުގައި ތައްޔާރުވުމުގެ ފުރުޞަތު ނުލިބޭނަމަ އިންތިގާލީ މަރުހަލާ ވަރަށް އުނދަގޫވާނެކަމަށާއި އޭގެ ސަބަބުން އިތުރު ބައެއްގެ ފުރާނައަށް ނުރައްކާވުން އެކަށީގެންވާކަން ބައިޑަންވަނީ ފާހަގަކުރައްވާފައެވެ.

ބައިޑަންގެ ކޯވިޑް ޓީމުތަކުން މިވަގުތު މަސައްކަތްކުރަމުންދަނީ ބައްޔާއި ގުޅުންހުރި ސިޔާސަތުތަކާއި އެހެނިހެން ބައެއް ލޮޖިސްޓިކު މައްސަލަތައް ޙައްލުކުރުމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ދޭނީ ކޮން ބަޔަކަށްތޯ ނިންމުމާއި ހުރިހާ ނަސްލެއްގެ އަދި ހުރިހާ އިޖުތިމާޢީ ފެންވަރެއްގެ މީހުންނަށްވެސް ހަމަހަމައަށް ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ބަލަންޖެހޭ ކަންކަން ބައިޑަންގެ ޓީމުންދަނީ ދިރާސާކުރަމުންނެވެ.

އޭގެ އިތުރުންވެސް ބައިޑަންގެ ޓީމުންދަނީ އެމެރިކާގައި ބައްޔަށް ތަހުލީލުކުރުމުގެ އައު ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ. އެފަދަ ސިޔާސަތެއް ރައީސް ޓްރަންޕުގެ ސަރުކާރުން ކަނޑައަޅައިފާއި ނުވާތީ ބައިޑަންގެ ޓީމަށް އެ މަސައްކަތް ފަށަން ޖެހޭނީ ސުމަކުންނެވެ.