ކޯވިޑް-19އަށް ޕޮޒިޒޓިވްވި މީހުންގެ ތެރެއިން ރެކޯޑް ޢަދަދަކަށް ބަލިމީހުން ހޮސްޕިޓަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންފަށައިފިއެވެ.
ކޯވިޑް-19އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، މިވަގުތު ހޮސްޕިޓަލުގައި 63 މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި އެކަކަށް ފަރުވާދެމުން އަންނައިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 62 މީހަކަށް ފަރުވާދެމުން އަންނަކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. އޭގެތެރެއިން އެކަކަށް އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. އެއީ ބިދޭސީއެކެވެ.
ކޯވިޑްގެ ޙާލަތު ގޯސްވެ ފުރަބަންދުކޮށްފައިވާ ދުވަސްވަރުގައިވެސް މިހާ ގިނަ ޢަދަދަކަށް ބަލިމީހުން އެނދުމަތިކޮށްގެން ފަރުވާދީފައިނުވެއެވެ. ފުރަބަންދަށްފަހު ދިން ލުއިތަކާއެކު ކޯވީޑަށް ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު ވަނީ އިތުރުވެފައެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. މިވަގުތު ހޮސްޕިޓަލުގައި 63 މީހަކަށް ފަރުވާދެމުން އަންނައިރު، މިއީ ރާއްޖޭއިން ކޯވިޑް-19 ފެނުނުފަހުން އެންމެ ގިނަ ބަަޔަކު އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާދެމުންދާ ފަހަރެވެ.
ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވެއްޖެނަމަ ރާއްޖޭގައި މިބަލީގައި މަރުވާމީހުންގެ ޢަދަދު އިތުރުވެދާނެކަމަށް ޑޮކްޓަރުން ވަނީ ލަފާކުރައްވާފައެވެ.
ކޯވިޑް-19އަށް މިއަދުވެސް ވަނީ 50 މީހުން ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގއިން 34 މީހުންނަނީ ދިވެހިންނެވެ. އަދި އޭގެ ކުރީ ދުވަހުވެސް ވަނީ 77 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.