ޚަބަރު

ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަނީ


  • ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗުން ނަގާ ޑިއުޓީ މާފުކުރުމަށް ވަނީ ހުށަހަޅާފައި

  • ދުންފަތުގެ 3 ބާވަތަކުން ނަގާ ޑިއުޓީ ކުޑަކުރަން ވަނީ ހުށަހަޅާފައި

ސިނގިރޭޓުން ނަގާ ޑިއުޓީގެ އަގު ކުޑަކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނު މިހާރު އޮތްގޮތުން ސިނގިރޭޓަކުން ނަގަނީ 8 ރުފިޔާގެ ޑިއުޓީއެވެ. ނަމަވެސް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އެ އަދަދު ދަށްކޮށް، 4 ރުފިޔާއަށް ބަދަލުކުރުމަށެވެ.

މި އިސްލާހުތަކާއެކު ދުންފަތުގެ އިސްއތިުމާލުކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށްވެސް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.

ޤާނޫނުުގެ 7ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ދުންފަތުގެ 3 ބާވަތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، ސިނގިރޭޓުގެ އިތުރުން ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. މިހާރު މީގެން ކޮންމެ އެއްޗަކުން ނަގަމުން އަންނަނީ 8 ރުފިޔާގެ ޑިއުޓީއެކެވެ.

ބިލުގައި ސަރުކާރުން ފާހަގަކުރައްވާފައިވާގޮތުގައި މި އިސްލާހާއެކު މިއަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާ ކުރި އާމްދަނީ ދަށްވާނެއެވެ. އަދި އެގޮތުން، ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން މި އިސްލާހުތައް ގެނެސްފިނަމަ އަންދާޒާކުރި އަދަދާ އަޅާބަލާއިރު 21 މިލިޔަން ރުފިޔާ ދަށްވާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މި ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު ޤާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބިލުގައިވެއެވެ. އަދި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމުކުރަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.