ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ހައްލުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހާއްސަ ޕޯޓަލްއެއް ތަޢާރަގްކޮށްފިއެވެ. އެ ވުޒާރައިން ވިދާޅުވީ މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކަށް ދިމާވާ ކަންކަން ފަސޭހަކަމާއެކު އޮންލައިންކޮށް ހައްލުކުރެވޭނެ ކަމަށެވެ.
އިޤްތިޞާދީ ވުޒާރާއިން ތަޢާރަފްކޮށްފައިވާ "ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް" އަކީ ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ހިއްސާކުރުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ ދަތިތަކާއި ކަންބޮޑުވުންތައް ހުށަހެޅުމުގެ އިތުރަށް ސުވާލުތަކަށް ޖަވާބު ދިނުމާއި ޚިޔާލުތައް ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން ހުށަހަޅާ ކަންކަމުގެ އަދާހަމަ ބަލައި، އެކަމަކާއި މެދު ނިންމާ ގޮތެއް ނުވަތަ، ޖަވާބުދާރީ ވުމުގައި އޮތް މަރުހަލާ އެނގޭނެ ގޮތަށް ޕޯޓަލް ފަރުމާކޮށްފައިވާ ކަމަށް އިޤްތިޞާދީ ވުޒާރައިން ވިދާޅުވިއެވެ.
މިއީ އީމެއިލް، ފޯނު ކޯލް ނުވަތަ އެވުޒާރާއަށް ސީދާ ވަޑައިގަތުމުގެ ބަދަލުގައި، ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ތަޢާރަފުކޮށްފައިވާ ޕޯޓަލްއެއް ކަމަށް އެވުޒާރައިން ވިދާޅުވެއެވެ. މި ޕޯޓަލް ބޭނުން ކުރުމަށް ދާންޖެހެނީ https://facilitation.trade.gov.mv ވެބްސައިޓަށެވެ. އަދި ވެބްސައިޓުގައި ރަޖިސްޓްރީ ވުމަށް ފަހު ހުށަހަޅާ މައްސަލަތަކާއި، ކަންބޮޑުވުންތަކާއި، ޚިޔާލާއި ސުވާލުތަކަށް ހުށަހަޅުމާއިގެން ކުރިއަށްދެވޭނެއެވެ. ހުށަހަޅާ ކޮންމެ ހުށަހެޅުމަކަށް ވަކި ރިފަރެންސް ނަންބަރެއް ދެވުމުން އެ ފަރާތެއްގެ ހުށަހަޅާ ކަމެއްގެ އަދާހަމަ ބެލުމަށް ފަސޭހަވާނެ ކަމަށް އިޤްތިޞާދީ ވުޒާރައިން ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް މިނިސްޓްރީއާ ހިއްސާކުރުމަށް މިހާރު މާ ފަސޭހަ!
— Ministry of Economic Development,Transport & Trade (@MoEDmv) September 9, 2026
އީމެއިލް، ފޯނު ކޯލް ނުވަތަ މިނިސްޓްރީއަށް ވަޑައިގަތުމުގެ ބަދަލުގައި، ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ތަޢާރަފުކޮށްފައިވާ "ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް" މެދުވެރިކޮށް ދިމާވާ… pic.twitter.com/yg7I4AxxyL
ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ވިޔަފާރިއާ ބެހޭ ވުޒާރާއި ގާތުން ވިޔަފާރިތަކަށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައިރު، ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން ދަނީ ޚިދުމަތްތައް ޒަމާނީކޮށް ހުރިހާ ޚިދުމަތެއްވެސް ފަސޭހަކަމާއި އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ. މިގޮތުން ހަމަޖައްސާ ނިޒާމުތަކަކީ ފަސޭހައިން ބޭނުންކުރެވޭ އަދި ރައްޔިތުންނާއި ގުޅޭ ނިޒާމުތަކަށް ވެގެންދާނެ ކަމަށް، ސަރުކާރުން ޤަބޫލުކުރެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ދަނީ އެ ވުޒާރާގެ ދަށުން ހިނގަމުންދާ ހުރިހާ ޚިދުމަތެއްވެސް އޮންލައިންކުރެވި، ފަސޭހައިން ޚިދުމަތް ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް މަަސައްކަތް ކުރަމުންނެވެ. މިގޮތުން އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް ދެވޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުން ކަމަށް ވަޒީރު މުޙައްމަދު ސަޢިދު ވަނީ ވިދާޅުވެފައެވެ.