ޚަބަރު

ތިން އަހަރުގެ މަޝްރޫޢުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް


  • އުމްރާނީ ތަރައްޤީގެ ކަންކަމަށް 2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައި

  • ވަކިވަކި މިނިސްޓްރީތަކުން މަޝްރޫއުތައް ހުށައެޅުމަށް ވަނީ ހުޅުވާލާފައި

ކުރިއަށް އޮތް 3 އަހަރަށް އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ވަކިވަކި މިނިސްޓްރީތަކުން ބަޖެޓުގައި ހިމަނަން ބޭނުންވާ އައު ކަންކަން ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ 2027 އިން 2029ވަނަ އަހަރުގެ ޕްރޮގްރާމް ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން "ނިއު ޕޮލިސީ އިނީޝިއޭޓިވް"ގެ ދަށުން މިނިސްޓްރީތަކުން ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަމަށް ހުޅުވާލާފައިވާކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ސަރކިއުލާގައި ވަނީ 2027-2029ވަނަ އަހަރުގެ އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފައެވެ. އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ އުމްރާނީ ތަރައްޤީގެ ކަންކަމަށެވެ. އެގޮތުން އުމްރާނީ ތަރައްޤީގެ ކަންކަމަށް 2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި އެކިއެކި ކަންކަމަށް 500 މިލިޔަން ރުފިޔާގެ ސީލިންގއެއް ކަނޑައަޅާފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ސާކިއުލާގައިވާ ގޮތުން 2027-2029 ވަނަ އަހަރުގެ ޕްރޮގްރާމް ބަޖެޓުގައި ހިމަނަން ބޭނުންވާ އާ ކަންކަން އަންނަ އޮގަސްޓް މަހުގެ 18ވަނަ ދުވަހުގެ ކުރިން ބަނޑޭރި ޕޯޑަލް މެދުވެރިކޮށް މިނިސްޓްރީތަކުން ހުށަހަޅަން ޖެހެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓުގައި ހިމަނާ އައު ކަންކަން ވާން ޖެހޭނީ ސަރުކާރުގެ މެނިފެސްޓޯ އާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުތަކަށް ބިނާކޮށް ކަމަށެވެ. އަދި ގާނޫނަކުން ނުވަތަ އެއްބަސްވުމަކުން އެކަމެއް ކުރުމަށް ލާޒިމް ކުރާ ކަންކަން ވެސް އައު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓުގައި ހިމަނާ އައު ކަންކަން މިންތީގެ ހަމަހަމަކަމާއި އިޖްތިމާއީ ބައިވެރިވުން ކުރިއެރުވުމަށް ގުޅުން ހުރި ދާއިރާތަކަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ޖެންޑާ އިކުއިޓީ އެންޑް ސޯޝަލް އިންކްލޫޝަން ބަޖެޓިންގެ މަސައްކަތްތައް ކުރިއަށްއޮތް 3 އަހަށް އެކުލަވާލާ ބަޖެޓްގައި ޕައިލެޓްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް އިސްކަންދޭ ބަޖެޓެއް އެކުލަވާލުމަށާއި އެކަމާ ގުޅުން ހުރި ހަރަދުތައް ދެނެގަތުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން ހުށަހަޅާ މަޝްރޫއަކީ "ކްލައިމެޓް ރިލެވެންޓް" ޕްރޮޖެކްޓެއްކަން ސާފުކޮށް ބަޔާންކުރަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.