ޚަބަރު

ހުޅުމާލޭގެ 8 ތަނެއް ބަލައި، 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މާލެއާއި އަތޮޅުތެރޭގައިވެސް މިފަދަ އޮޕަރޭޝަންތައް ދަނީ ހިންގަމުން

ހުޅުމާލޭގައި ސްޕާ އަދި ސެލޫންގެ ގޮތުގައި ހިންގަމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އިންސްޕެކްޝަނެއްގައި 7 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ހުޅުމާލޭގެ ސްޕާ އަދި ސެލޫންގެ ގޮތުގައި ހިންގާ 8 ތަނެއް އިއްޔެ ބަލާފައިވާ ކަމަށެވެ. އެ ތަންތަނުގައި މަސައްކަތް ކުރާ 26 ބިދޭސީއަކާ ސުވާލުކޮށް ލިޔުންތައް ބެލިބެލުމުން 7 މީހަކު ރާއްޖޭގައި މަސައްކަތް ކުރަމުންދަނީ ޤަވާއިދާ ޚިލާފަށްކަން އެނގިފައިވާ ކަމަށް ވިދާޅުވިއެވެ. މި 7 މީހުންވެސް މިހާރު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރަމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އިމިގްރޭޝަނުން އަންނަނީ ތަފާތު އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. މި މަސައްކަތުގެ ދަށުން ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން މިހާތަނަށް އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން މައުލޫމާތު ދެއްވައެވެ.

އިމިގްރޭޝަނުން މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އާންމު ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަޤުސަދުގައެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދުމުގެ މަގުސަދުގައެވެ.