ޚަބަރު

ޔަހޫދީން އުފައްދާ މުދާ ހުޅަނގުގެ ބައެއް ޤައުމުތަކަށް އެތެރެކުރުން މަނާކުރަނީ


‏ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ޤާއިމްކޮށްފައިވާ އަވަށްތަކުގައި އުފައްދާ އުފެއްދުންތައް އިނގިރޭސިވިލާތަށާއި ފަރަންސޭސިވިލާތަށާއި ކެނެޑާއަށް އެތެރެނުކުރެވޭނެ ކަމަށް އެ ތިން ޤައުމުން ނިންމައިފިއެވެ.

އދއާއި ފަލަސްޠީންއާއި ދުނިޔޭގެ ގިނަ ޤައުމުތަކަކުން ޤަބޫލުކުރާ ގޮތުގައި ޔަހޫދީން ފަލަސްޠީނުގެ ބިންތަކުގައި އާބާދުވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެެކެވެ.

ރިޕޯޓުތަކުގައި ބުނާ ގޮތުން ޔަހޫދީންގެ އެންމެ ހައްދުފަހަނައަޅާފައިވާ ވަޒަންވެރިން ޤާނޫނާ ޚިލާފަށް ފަލަސްޠީނުގެ ބިންތަކުގައި އާބާދުުވުމަށް ހިތްވަރުދީ އެ ކަމަށް ޚަރަދު ކުރަނީ ޔަހޫދީ ސަރުކާރުންނެވެ. އެ މީހުން ދަނޑުވެރި ބިންތައް ފޭރިގަނެ، ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތައް ދޫކޮށް ދިޔުމަށް މަޖުބޫރުކުރުވައެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބަންޑް ވިދާޅުވީ ޔަހޫދީންގެ ޢަމަލުތަކަކީ ބޭއިންސާފުން ހިންގާ ކަންތައްތަކެއް ކަމަށް ބުނެ އެ ކަންކަން ކުށްވެރިކޮށްގެން މިހާރު ފުއްދާލެވެން ނެތް ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީން ކުރިމަތިކުރުވަމުންދާ ތުރާލާ ދެކޮޅަށް ޢަމަލީ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި ޔަހޫދީންގެ އަވަށްތައް ފުޅާ ކުރުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ މި ފަދަ އަވަށްތަކުގެ ސަބަބުން ފަލަސްޠީނުގެ ދައުލަތެއް ދެމިއޮތުމަށް ހުރަސްއެޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔަހޫދީން ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދު ކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އަދި ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮތުމުގެ ސިޔާސަތު ނެތި ދިޔުމުގެ ފުރުޞަތު ނުދޭނެ ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ގެއްލުން ދެމުންދާ މަންޒަރު ބަލަން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަރަންސޭސިވިލާތުން ވެސް ބުނީ ޔަހޫދީން އާބާދުވާ ސަރަޙައްދުތައް ވަރަށް ބޮޑަށް އިތުރު ކުރަމުންދާ މި ދަނޑިވަޅުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން އަނިޔާވެރިވަމުންދާ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ޔަހޫދީންނާ ދެކޮޅަށް އެ ޤައުމުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ އެއީ ކަމަށް އެ ޤައުމުން ބުނެފައިވެއެވެ.

ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އުފައްދާ ބާވަތްތަކުގެ ތެރޭގައި ދަނޑިވެރި އުފެއްދުންތައް ހިމެނެއެވެ. އެ ގޮތުން ކަދުރާއި ބައެއް ކަހަލަ މޭވާއާއި ފަތްޕިލާވެލި ހައްދައި އެކްސްޕޯޓު ކުރެއެވެ. ހުޅަނގު އައްސޭރީގައި އުފައްދާ އުފެއްދުންތައް ޔަހޫދީން އެކްސްޕޯޓް ކުރަނީ އެހާ ފުޅާ ދާއިރާއެއްގައި ނޫން ކަމަށްވާތީ ތިން ޤައުމުގެ ނިންމުމުގެ ސަބަބުން މާ ބޮޑު އިޤްތިޞާދީ އަސަރެއް ނުކުރާނެއެވެ. މި ނިންމުމަކީ ރަމްޒީ ނިންމުމެކެވެ. އެ ނިންމުމުގެ ފަހަތުގައި ސިޔާސީ ސަބަބުތަކެއް ހިމެނޭއިރު، އޭގެ މައިގަނޑު މަޤްޞަދަކީ ޔަހޫދީން ހުޅަނގު އައްސޭރީގައި އާބާދުވުމާ އެ ތިން ޤައުމުން ދެކޮޅު ކަން ދެއްކުމެވެ. ތިން ޤައުމުން އެ ނިންމުން ނިންމާފައި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅުމަށް 1،000އަށްވުރެ ގިނަ ގެދޮރު އެޅުމަށް ނިންމާފައިވާ ކަން ޔަހޫދީން އިޢުލާނު ކުރުމާ އެކުގައެވެ.

ތިން ޤައުމުން ވެސް ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮތުމަށް ބާރުއަޅާއިރު، އެ ކަމަށް ހިތްވަރުދީ ތިން ޤައުމުން ބަޔާނެއް ދީފައިވެއެވެ. އެ ޤައުމުތަކާ އެކުގައި އިތުރު 10 ޤައުމެެއްގެ ޚާރިޖީ ވަޒީރުން ވެސް ބަޔާން ދިނުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި ޑެންމާކްއާއި ނޯވޭއާއި ޕޮލެންޑްއާއި ސްޕެއިންއާއި ސްވީޑަންގެ ޚާރިޖީ ވަޒީރުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެ ޤައުމުތަކުން ބުނީ ޔަހޫދީންނާއެކު ފަލަަސްޠީނުގެ ވެސް މިނިވަން ދައުލަތެެއް އޮުތުމުގެ ސިޔާސަތު ރައްކާތެރިކުރަން ޖެހޭ ކަމަަށާއި އިންސާފުވެރި އަދި ދާއިމީ ގޮތަކަށް ޞުލްޙަ ޤާއިމް ކުރުމަށް އެ ޤައުމުތަކުން މަސައްކަތް ކުރާނެ ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ޔަހޫދީންނާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އޭގެ މައިގަނޑު ސަބަބަކީ ޣައްޒާގައި ޔަހޫދީންގެ ޢަމަލުތައް ހުންނަ ގޮތާއި، ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުވާ މިންވަރު އިތުރުވުމާއި ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ މެދު އިނގިރޭސިވިލާތުން ފާޅުގައި ފާޑުކިޔުމެވެ. 2025ވަނަ އަހަރު އިނގިރޭސިވިލާތުން ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް އިނގިރޭސިިވިލާތުން ފިޔަވަޅުތަކެއް އަޅާފައިވެއެވެ.