ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއް ފަހަރު ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ފަރާތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިހްތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ޤައުމީ ފެންވަރުގައި ބޮޑު ކެމްޕެއިނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެމަސައްކަތްތައްވަނީ ފައްޓަވާފައެވެ. މިގޮތަށް ނިންމެވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް ދިވެހިންގެ އައިޑެންޓިޓީ ގެއްލުމުގެ މަގުމަތީގައި އޮތުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު، އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގެވުމަށާއި އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. އަދި މި މަޝްރޫޢު ހިންގުމަށް ވިލަރެސްކުރުމަށް ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދެވުމަށާއި އެ ކޮމިޓީގައި ވުޒާރާތަކުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހިމެނުއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު މި ކޮމިޓީގައި ތިއްބަވާނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ އާއި ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވުޒާރާ އާއި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާ އާއި މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާ އާއި ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާގެ އިތުރުން އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވުޒާރާ އާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ އިޙުތިރާމް އަދާކުރުމުގެ ދުވަހެއް، ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު 1 ފަހަރު ފާހަގަކުރުމަށް ނިންމަވާފައެވެ. އަދި އެ ދުވަހަކީ މި މަޝްރޫޢު އިފްތިތާޙު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށްވެސް ވަނީ ނިންމަވާފައެވެ.