ޤަޠަރާއި ޕާކިސްތާނުގެ ބައިވެރިވުމާއެކު އެމެރިކާއާއި އީރާންއާ ދެމެދު ޞުލްޙައިގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ޤަޠަރުން އިޢުލާނުކޮށްފިއެވެ. ސްވިޒަލެންޑުގައި ކުރިއަށްދާ މި މަޝްވަރާތަކުގައި އިސްކަންދޭނީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓައިލުމަށް އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ ހަފްތާގެ ތެރޭގައި ސޮއިކުރި އިބްތިދާޢީ ސުލްޙައިގެ އެއްބަސްވުމުގައި ހިމެނޭ ކަންކަން ތަންފީޛުކުރުމާ ގުޅޭ ކަންކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާންގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ސޮއިކުރެއްވި އިބުތިދާއީ އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވަނީ އެއްބަސްވެފައެވެ. އީރާނާއި އެމެރިކާއިން ސީދާ މަޝްވަރާތައް ކުރުމަށް ދެ ޤައުމުގެ އިސް މަންދޫބުން މިހާރު ވަނީ ސްވިޒަލެންޑަށް ވަޑައިގެންފައެވެ. އެ މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފްއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީއެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސްއާއެކު މި މަޝްވަރާތަކުގައި ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފް އަދި ދަނބިދަރިކަލުން ޖަރެޑް ކުޝްނަރ ބައިވެރިވެވަޑައިގަންނަވައެވެ.
ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލްއަންޞާރީ ވިދާޅުވީ އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އިބްތިދާޢީ އެއްބަސްވުމުގައި އެކުލެވޭ ހުރިހާ މާއްދާތައް ހިމެނޭހެން ރަސްމީ އެއްބަސްވެއް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޚާއްޞަ ފަންނީ މަސައްކަތު ގްރޫޕްތަކެއް އުފައްދާފައިވާ ކަމަށެވެ. އަދި އިބްތިދާޢީ އެއްބަސްވުމުގައި ހިމެނޭ ކަންކަން ތަންފީޛު ކުރުމާ ގުޅޭ ކަންކަން ބެލެހެއްޓުމަށާއި ރަސްމީ އެއްބަސްވުމަކާ ހަމައަށް ވާޞިލްވުމަށް ކުރަމުންދާ މަސައްކަތްތައް ބެލެހެއްޓުމަށް އިތުރު ގުރޫޕުތައް އުފައްދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންޞާރީ ވިދާޅުވީ މަޝްވަރާތައް ވިލަރެސްކުރުމުގައި ޙަރަކާތްތެރިވާ ޤައުމެއްގެ ގޮތުގައި ޤަޠަރުން ޕާކިސްތާނާއި، ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއެކު މަސައްކަތްކޮށް، މަޝްވަރާތަކުގެ އަމާޒު ޙާޞިލް ކުރެވޭނެ ފަދަ މާހައުލެއް ޤާއިމް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަންޞާރީ ވަނީ ޕާކިސްތާނަށާއި ތުރުކީވިލާތަށާއި ސަޢުދީ ޢަރަބިއްޔާއަށާއި މިޞްރާއި އެކުވެރި ޢަރަބި އިމާރާތާއި އެހެން އެކުވެރި ޤަުމުތަކުން އީރާނައި އެމެރިކާ ޞުލްޙަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި އެ ޤައުމުތަކަށް ޝުކުރު ޢަދާ ކުރައްވައިފައެވެ.