ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި އެކުއެޑޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކުރަސާއޯގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރު ގަދަ ކުޅުމާމެދު ފަހުރުވެރިވާކަމަށް އެޓީމުގެ ކޯޗު ޑިކް އެޑްވޮކާޓް ފާހަގަ ކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ އެކުއެޑޯ އާއި ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުކޮށް ވޯލްޑް ކަޕްގައި ފުރަތަމަ ޕޮއިންޓް ހޯދި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އެޑްވޮކާޓް ހާމަކުރިގޮތުގައި ޖަރުމަނުވިލާތާއި ފުރަތަމަ މެޗުގައި ބައްދަލުކުރަން ޖެހުން އެއީ އެޓީމުން އެންމެ ބޭނުންވި ގޮތް ނޫން ކަމަށާއި އެމެޗުގައި ޖަރުމަނު ޓީމު މާވަރުގަދަވީ ކަމަށެވެ.
ނަމަވެސް މިމެޗުގައި ކުރަސާއޯގެ ކުޅުންތެރިން ދަނޑު މަތީގައި ފެނިގެންދިޔައި ސިންގާ ތަކެއްގެ ސިފައިގާ ކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި މިމެޗުގައި އެކުއެޑޯ ފަދަ ފާހަގަ ކޮށްލެވޭ ހުނަރުވެރި ކުޅުންތެރިން ގިނަ ޓީމަކާއި ދެކޮޅަށް ފެނިގެންދުޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.
އެޑްވޮކާޓް ބުނީ ކުރަސާއޯގެ ހުރިހާ ރައްޔިތުން އަންނަނީ އުފާފާޅު ކުރަމުންނެވެ. ކުރެސާއޮ ޓީމުގެ ފަހަތުގައި ކުރެސާއޮގެ ރައްޔިތުން ފެށުނީއްސުރެ ތިބޭ ކަމަށާއި ޖަރުމަނު މެޗުން ބަލިވި ދުވަހުވެސް ރައްޔިތުން ތިބީ ޓީމާއެކު ކަމަށާއި އަދި މިމެޗުގެ ނަތީޖާ އާއެކު ކުރަސާއޯގެ އުފާފާު ކުރުން އޮންނާނެ ވަރު އޭނާއަށް އިހްސާސް ކުރެވޭކަމަށް އެޑްވޮކާޓް ހާމަކުރިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އެކުއެޑޯގެ ކޯޗު ސެބަސްޓިއަން ބެކަސެސޭ ބުނީ ފުޓްބޯޅައިގައި ކިޔާ ނުދެވޭނެ އެއްޗެހި ހުންނާނެ ކަމަށާއި މިމެޗުގެ ނަތީޖާ އަކީ ކިޔައިދެވޭ ކަހަލަ ނަތީޖާއެއް ނޫން ކަމަށެވެ. އޭނާ ބުނީ މިފަދަ ކަންތައް ޖެހޭނީ ތަޖްރިބާ ކުރަން ކަމަށާއި މެޗުގައި 27 ހަމަލާ ގޯލަށް އަމާޒުކޮށް ފޮނުވާލާއިރުވެސް ލަނޑެއްް ނުޖެހުމުން ނަތީޖާ އެއޮތީ ފެންނަން ކަމަށް އޭނާ ފާހަގަ ކުރިއެވެ.
މިމެޗަކީ އެކުއެޑޯ މޮޅުވާން ޖެހޭ މެޗެއް ކަމަށާއި ނަމަވެސް އެކަން އެޓީމަށް ކާމިޔާބު ނުކުރެވުނު ކަމަށެވެ. އަދި މިމެޗުގައި އެކުއެޑޯގެ ކުޅުންތެރިން ދެއްކި ކުޅުމާއި ކުރި ހިތްވަރަށް ބަލާއިރު އެކުޅުންތެރިންނަށް ފާޑު ކިޔޭވަރަށް ވުރެ ރަނގަޅަށް އެކުޅުންތެރިން ކުޅުކަންވެސް އެކުއެޑޯގެ ކޯޗް ފާހަގަ ކުރިއެވެ.
މިގްރޫޕްގައި ކުރެސާއޮ ކުޅޭ ފަހު މެޗުގައި ކޯޓެޑިއުއަރ އާއި ދެކޮޅަށް ނިކުންނައިރު އެކުއެޑޯ ބައްދަލުކުރާނީ ޖަރުމަނިވިލާތާއެވެ.