ޚަބަރު

ކްލަސްޓާތަކާ ގުޅުންނެތް ކޭސްތައް އިތުރުވާތީ ޑޮކްޓަރުން ކަންބޮޑުވޭ


ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އެއްވެސް ކްލަސްޓާއަކަށް ނިސްބަތްނުވާ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާކަމުގެ ކަންބޮޑުވުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޑޮކްޓަރުން ފާޅުކުރައްވައިފިއެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެތެރެހަށީގެ ބަލިތަކުގެ ޑޮކްޓަރ ޑރ.މުޢާޒް މުސާ ވިދަޅުވީ، އެއްވެސް ކްލަސްޓާއަކާ ނުވަތަ ކުރީގެ ޕޮޒިޓިވް ކޭސްތަކާ ގުޅުމެއް ނެތް ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައިވާކަމަށެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޑޮކްޓަރ މުޢާޒް ވިދާޅުވީ، އެއްވެސް ކްލަސްޓާއަކަށް ނިސްބަތްނުވާ ކޭސްތައް އިތުރުވުމުން ދައްކުވައިދެނީ މުޖުތަމަޢުގައި ބަލިއޮތް މިންވަރުކަމަށެވެ.

"ޖޫންމަހުގެ ފަހުޅޮން ފެށިގެން އެބަފާހަގަކޮށްލެވޭ ނޮން ލިންކް ކޭސްތައް ގިނަވާތަން. އަދި މިހާތަނަށް މިވަގުތަށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތި ނޫންކަމުގައިވިޔަސް އަންލިންކް ކޭސްތައް ގިނަވުމަކީ އަޅުގަނޑުމެންގެ ތެރޭގައި ކޮމިއުނިޓީ ސްޕެޑް އޮތް މިންވަރު. އެހެންވީމަ މިހާރުއްސުރެ އަޅުގަނޑުމެން ފިޔަވަޅު ނާޅައިފިނަމަ އަޅުގަނޑުމެންނަށް ދެން ފެންނަން ފަށާފާނޭ ކޭސްތައް ގިނަވެގެން އިތުރުވަމުންދާތަން." ޑރ.މުޢާޒް މުސާ ވިދާޅުވިއެވެ.

އެއްވެސް ކްލަސްޓައަކާ އެއްވެސް ގުޅުމެއް ނެތް ކޭސްތައް އިތުރުވާތީ ޑޮކްޓަރ ވަނީ އަމިއްލަ ރައްކާތެރިކަމާއި، އާއިލާއާއި މުޖުތަމަޢުގެ ރައްކާތެރިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އެގޮތުން ފުރަބަންދުގެ ލުއިތަކާއެކު ބޭރަށް ނިކުމެ އުޅޭއިރު ތިމާއާއި ބައްދަލުވާމީހުންގެ ޢަދަދު ވީހާސްވެސް މަދުކުރުމަށް ޑޮކްޓަރ މުޢާޒް އިލްތިމާސްކުރެއްވިއެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ޢާންމުންގެ ތެރެއަށް ނުނިކުމެ ކްލިނަކަށް ދެއްކުމަށް އަވަސްކުރުމަށް ޑޮކްޓަރ އެދިވަޑައިގަތެވެ.

ބަލިޖެހުނީ ކާކުގެ ފަރާތުންކަން ނޭނގި ބަލިޖެހޭ ޢަދަދު އިތުރުވާން ފަށައިފިނަމަ ޕޮޒިިޓިވްކޭސްތައް އިތުރުވުމަކީ ގާތްކަމެއްކަން ފާހަގަކުރައްވާ ޑޮކްޓަރ ވަނީ ބަލިޖެހޭ މިންވަރު ކޮންޓްރޯލުން ނެއްޓިގެން ނުދަނީސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން މާސްކްއެޅުމާއި، އަވަސް އަވަހަށް އަތް ދޮވުމާއި ގައިދުރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ޑޮކްޓަރ އެދިވަޑައިގަތެވެ.

އެއްވެސް ކްލަސްޓާސްތަކާއި ގުޅުންނެތް ޕޮޒިޓިވް ކޭސްތައް އިތުރުވާތީ އެކަމުގެ ކަންބޮޑުވުން އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލްވެސް ވަނީ ފާޅުކުރައްވާފައެވެ. ޑޮކްޓަރ އަފްޒަލް ވިދާޅުވީ، ފުރަބަންދަށް ދިން ލުއިތަކާއެކު ފެންނަ ޕޮޒިޓިވް ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށެވެ. ނަމަވެސް އެ ކޭސްތަކުގެ ތެރެއިން އެއްވެސް ކްލަސްޓާއަކާއި ގުޅުން ނެތް ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު ހުރީ %30 އާއި %40 އާއި ދެމެދުކަމަށް ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

"އެދުވަހެއްގަ ފެންނަ ކޭސަސްއަށް ބަލާއިރު ނޮން ލިންކް ކޭސްގެ ނިސްބަތް ޖޫންގެ ފަހުކޮޅުން ފެށިގެން ޖުލައިގެ މިހާތަނަށް ބަލާލާއިރު ގާތްގަނޑަކަށް %30 އާއި %40 އާއި ދެމެދުގަ ހިފެހެއްޓިފަ މިހުންނަނީ. މިއީ ބަލާލެވިދާނެ ރަންކޮޅެއް ގިނަކަމަށް." ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ.

ފުރަބަންދުގެ ލުއިތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ ޕޮޒިޓިވް ކޭސްތައް ގިނަވަމުންގޮސް ޙާލަތު އިތުރަށް ގޯސްވާނަމަ އަލުން ފުރަބަންދަށް ދާންޖެހުމަކީ އެކަށީގެންވާކަމެއްކމަށް ހެލްތު މިނިސްޓަރ ވެސް ވަނީ ވިދާޅުވެފައެވެ.