ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 3ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. މި މުއްދަތު އިތުރުކޮށްފައިވަނީ ޖޫން މަހުގެ 29 ވަނަ ދުވަހާއި ހަމައަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އެންމެ ފުރަތަމަ އިއުލާންކުރައްވާފައިވަނީ މާރޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން 30 ދުވަހުން އެ މުއްދަތު އިތުރުކުރަމުން އަންނަތާ މިއީ 3ވަނަ ފަހަރެވެ. ސިއްޙީ ކުއްލި ނުރައްކަލުގެ ޙަލަތު އިތުރުކުރިކަން ހާމަކުރެއްވީ މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ހެލްތު މިނިސްޓަރ އިއްވެވި ޤަރާރުގައެވެ.
ރާއްޖޭގެ ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. އަދި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރަން ސިއްހަތާ ބެހޭ ވަޒީރަށް ލަފާދެއްވާނީ ވެސް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙަލަތު އިޢުލާންކުރިއިރު އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މާރޗް މަހުގެ 7ވަނަ ދުވަހުއެވެ. އަދި މާލެ ސަރަހައްދުން ނުވަތަ މުޖުތަމަޢުގެ ތެރޭގައި ބަލި އުޅޭކަން ކަށަވަރުވެފައިވަނީ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. އޭގެ ފަހުން މާލެ ސަރަހައްދު ވަނީ ފުރަބަންދުކޮށްފައެވެ. ރާއްޖޭގައިމިހާރު ވަނީ 1500 އާއި ގާތްކުރާ ޢަދަދަކަށް ކޯވިޑަށް ޕޮޒިޓިވް ކޭސްތައް ފެނިފައެވެ.