ޚަބަރު

ސިއްޙީ ނިޒާމަށް ނުކަތާވަރަށް ބަލީގެޙާލަތު ކޮންޓްރޯލުން ނެއްޓިގެން ނުދާނެ - މިނިސްޓަރ އަމީން


ރާއްޖޭގެ ސިއްޙީ ދާއިރާއަށް ނުކަތާވަރަށް ކޯވިޑް-19ގެ ބަލީގެ ޙާލަތު ކޮންޓްރޯލުން ނެއްޓިގެން ނުދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން މިބަލިފެތުރޭ ނިސްބަތް މަދުކުރެވިފައިވާކަމަށެވެ. އެކަކުގައިން އަނެކަކުގަޔަށް ބަލި ފަތުރާ ނިސްބަތް 3.8 އިން 1.4 އަށް ދަށްކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެކަކު އަނެކަކާ ބައްދަލުވާ މިންވަރު 33 މީހުންނާއި ހިސާބުން 6 މީހުންނަށް ތިރުކުރެވިފައިވާކަމަށާ، އަލަށް ފެންނަ ކޯވިޑް-19ގެ ކޭސްތައް ނިސްބަތުން މަދުކުރެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބަލީގެ ޢަލާމާތްތައް ހުރެ ފްލޫ ކްލިނިކްތަކަށާއި، ޢަލާމާތްތައްހުރި މީހުންގެ ޓެސްޓްކުރެވޭ އަދި ޕޮޒިޓިވްވާ ނިސްބަތް ތިރިކުރެވިފައިވާކަމަށާއި، މިހާތަނަށް ރާއްޖޭގައި ޓެސްޓްކުރެވޭ މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ %5 މީހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކްލަސްޓާތަކާ، ގުޅުމެއްނެތް ކޭސްތައްވެސް ވަރަށްބޮޑަށް މަދުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ، ބަލިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ގައިޑްލައިންގެ ތެރޭގައި ރައްޔިތުން ތިބެއްޖެނަމަ ސިއްޙީ ދާއިރާއަށް ނުކަތާވަރަށް ބަލީގެ ޙާލަތު ކޮންޓްރޯލުން ނެއްޓިގެން ނުދާނެކަމަށެވެ. އަދި އެހަމަތަކުގެ ތެރޭގައި ތިބެއްޖެނަމަ ސިއްޙީ ނިޒާމުގެ ތެރޭގައި ބަލީގެ ޙަލަތަށް ރިޢާޔަތް ކުރެވޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

"މިހިސާބަށް އަޅުގަނޑުމެންނަށް އާދެވުނީ މި ބަލީގެ ރައްކާތެރިކަމަށްޓާކައި އެޅި މުހިންމު ހަރުދަނާ ފިޔަވަޅުތަކެއްގެ ސަބަބުން. ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިއަދު އަޅުގަނޑުމެން ފަށަން ގަސްތުކުރަނީ މުޅިން އައު ހަރުފަތެއް. މުޅިން އައު މަރުހަލާއަކަށް ދާނެ މަސައްކަތެއް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުރަތަމަ މަރުހަލާގައި އަޅާފިޔަވަޅުތަކުން ރައްކާތެރިކަން ލިބުން ބިނާވެގެންވަނީ އެ ފިޔަވަޅުތަކަށް ރައްޔިތުން އަމަލުކުރާ މިންވަރެއްގެ މައްޗަށްކަމަށެވެ.