ކޮވިޑް-19 ގެ ބިރުވެރިކަން އިންސާނުންނަށް އޮތް އިރު، މި ވައިރަސް ޖަނަވާރުންނަށް ޖެހޭކަމެއް ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް މިހާރު އިވިފައިމިވަނީ މިވައިރަސް އެމެރިކާގެ ނިއުޔޯކްގެ މިނިކާ ވަގަކަށް ޖެހުނު ހަބަރެއެވެ.
ނިއު ޔޯކްގެ ވައިލްޑްލައިފް ކޮންޒާވޭޝަން ސޮސައިޓީ ބްރޮންކް ޒޫގައި ގެންގުޅޭ 4 އަހަރުގެ ނާދިޔާ ކިޔާ މިނިކާ ވަގަށް މިބަލި ޖެހިފައިވާކަން މިހާރު މިވަނީ އިނގިފައެވެ. މިއީ ޖަނަވާރަކަށް ކޮވިޑް-19 ޖެހުނު ހަބަރު ލިބިފައިވާ ފުރަތަމަ ފަހަރެވެ. ނާދިޔާ އަށް ކޮވިޑް ޖެހިފައިވާކަން އިނގިފައިވަނީ އޭނާއާ އެ ޒޫގައި އުޅޭ އިތުރު ފަސް މިނިކާ ވަގާއި ސިންގާގެ ކިބައިން ކޮވިޑްގެ އަލާމަތްތަކެއް ފެނިގެން ޓެސްޓުކުރުމުންނެވެ.
މިޖަނަވާރުތައް ޓެސްޓްކޮށްފައިވަނީ ވެޓްނަރީ ސްކޫލްގެ ލެބޯޓަރީގައިކަމަށާއި، މިޖަނަވާރުތަކަށް ކޮވިޑް ޖެހިފައިވޭތޯ ކުރި ޓެސްޓަކީ އިންސާނުންނަށް ކުރާ ޓެސްޓާއި ތަފާތު ޓެސްޓެއްކަމަށް ހަބަރުތައް ބުނެއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރއިން ބުނިގޮތުގައި މި މިނިކާވަގުތަކާއި ސިންގާތަކުގެ ގައިން ނޭވާލުމުގައި އުނދަގޫވުމާއި ކޮވިޑް-19 ގެ އެހެން އަލާމަތްތައް ފެނިފައިވާކަމަށެވެ. ނަމަވެސް ކެއުމާ ދުރުވުން ފިޔަވައި، އިތުރު މައްސަލައެއް ޖަނަވާރުންގެ ކިބައިން ނުފެންނަކަމަށްވެސް ޚަބަރުތައް ބުނެއެވެ. އަދި މިޖަނަވާރުތަކުގެ ހާލު ވެޓިނަރީ ޑޮކްޓަރުން ގާތުން ބަލަމުންދާކަމަށާއި ޒޫގައި އުޅޭ އެހެން ޖަނަވާރެއްގެ ކިބައިން މިހާތަނަށް އަލާމާތެއް ނުފެންނަކަމަށްވެސް ޚަބަރުތައް ބުނެއެވެ.
މިނިވަގު ގެންގުޅޭ ޒޫ އިން ލަފާކުރާ ގޮތުގައި މިނިކާވަގަށް ކޮވިޑް-19 ޖެހިފައިވަނީ މި ވައިރަސް ޖެހި، ނަމަވެސް އަލާމާތްތައް ނުފެންނަ މީހެއްގެ ކިބައިންނެވެ.
ބްރޮންކްސް ޒޫ ވަނީ މާރޗުމަހުގެ 16 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައެވެ. އަދި ޖަނަވާރުންގެ ގައިގައި މިވައިރަސް ޖެހި، ފެތުރޭ ގޮތުގެ އިތުރު ތަފްސީލް ދެނެގަނެވެންދެން މިތަނުގައި އުޅޭ ޖަނަވާރުންނާއި ވީހާވެސް ދުރުގައި ތިބުމަށް ތަނުގެ މުވައްޒަފުންނަށްވެސް ވަނީ އަންގާފައެވެ.
މިހާތަނަށް ޖަނަވާރަކަށް ކޮވިޑް-19 ޖެހިގެން ވާނެ ގޮތެއް އިނގިފައެއް ނުވެއެވެ.