ޚަބަރު

"އަމާޒަކީ ޤައުމިއްޔަތަށް ހައްޤު މަޤާމު ހޯދައިދިނުން"


  • ރާއްޖެ އިސްލާމްވުމަކީ ދިވެހި ތާރީޚުގައި ހިނގި އެންމެ މުހިންމު ޙާދިސާކަމަށް ވިދާޅުވި

  • ދިވެހި ޤައުމިއްޔަތުގެ އިސްބަހާއަކީ އިސްލާމް ދީންކަން ފާހަގަކުރެއްވި

ދިވެހި ގައުމިއްޔަތު އޭގެ ހައްގު މަގާމަށް އިއާދަކުރުމުގެ ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އިސްލާމް ދީނުގެ ނޫރާނީ އަލިން ދިވެހިރާއްޖެ އަލިވެގެން ދިޔަތާ 900 އަހަރު ފުރޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ދުވަހުގެ ތަޙުނިޔާ ފޮނުވާފައެވެ.

ވަޒީރު ހިނާގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގައި ދަރުމަވަންތަ ރަސްގެފާނު އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވި ދުވަހަކީ މި ކުޑަކުޑަ އެހެނަސް ޒަމާންވީ ދިވެހިރާއްޖެ މުޅި ހަޔާތުގައި ވެސް ހިނގި އެންމެ ބޮޑު ހާދިސާކަން ފާހަގަކުރައްވާފައެވެ.

ހިޖުރައިން 548 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ ތެރޭގައި ދިވެހިން އިސްލާމްދީން ޤަބޫލުކުރުމާ ގުޅިގެން ދިވެހީންގެ ތެރެއިން ގިނަ ކަންތައްތަކެއް ބަދަލުވެގެން އައިސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ދިވެހިންގެ ތެރޭގައި ކުރިން ނެތް އެތައް ކަމެއް އަލުން ތަޢާރަފުވެ ކުރީގެ އެތައް ކަމެއް ހުއްޓުނުކަން އެއީ ދިވެހި ތާރީޚު ބުނެދޭ ހަޤީޤަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިސްލާމީ ދިވެހި ސަގާފަތެއް މިރާއްޖޭގައި ވަނީ އުފަންވެ އަށަގެންފައި. އަޅުގަނޑުމެންގެ ވިސްނުމަށާއި އަޅުގަނޑުމެންގެ ބަހަށް ވަނީ މީގެ ހެޔޮ އަސަރުތައް ކޮށްފައި. މިކަންކަމުން ޚުލާސާ ކުރެވޭ މާނައަކީ، ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ އިސްލާމްދީންކަން. ދިވެހި ޤައުމިއްޔަތުގެ އިސްބަހާއަކީ އިސްލާމް ދީންކަން." ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ކުރެވުނު އާކިއޮލޮޖިކަލް ދިރާސާތަކާ ތާރީޚީ ހޯދުންތަކުގެ އަލީގައި ރާއްޖޭގެ އެންމެ ގަދީމީ މާޒީގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ އަލިކަމެއް ވަނީ ލިބިފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖެއަކީ އެތަކެއް ހާސް އަހަރުވީ ދައުލަތެއްކަމަށެވެ.

މި ދިރާސާތަކުގެ އަލީގައި ދިވެހި ކާބަފައިން އިހު އެވޭލާ ޒަމާންތަކުގައި ޤަބޫލުކުރި ކުރުންތަކާއި އެއިރުގެ ދިވެހި މުޖުތަމައުގެ އާއްމު ދިރިއުޅުން ބައްޓަންވެފައި އޮތް އަސާސްތަކަކީ ކޮބައިކަން ހާމަވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖެ އިސްލާމްވުމުން، ދިވެހި ޤައުމަށް އައި ބަދަލުތަކާއި ދިވެހިންގެ ދިރިއުޅުމަށް ގެނުވި ހެޔޮ އަސަރުތައް އެނގެން ހުރިކަމަށެވެ.

މިއީ ދިވެހި ޝަހުސިއްޔަތު ނެގެހެއްޓުމަށާއި ދެމެހެއްޓުމަށް ބޭނުންވާ މައުލޫމާތުތަކެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އިތުރު ސާފު ދިރާސާތަކަކަށް އަދިވެސް ބޭނުންވާކަމަށެވެ. މިފަދަ ދިރާސާތައް ކުރުމުގެ ޤާބިލްކަންހުރި ދިވެހިން އުފެއްދުމަށްޓަކައި މިސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މީހުން ބިނާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި ޤައުމިއްޔަތު އޭގެ ހައްޤު މަޤާމަށް އިއާދަކުރުމުގެ ބުރަ މަސައްކަތްތަކެއް ކުރަމުންދަކަމަށްވެސް ވަޒީރު ހީނާ ވިދާޅުވިއެވެ.

"މި މަސައްކަތް ކުރެވޭނޭ މަގު ދައްކަވައިދެއްވައި، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ސިޔާސަތެއް ކަނޑައަޅުއްވައި، އެ ސިޔާސަތު ތަންފީޒުކުރެއްވުމުގެ ޚާއްސަ މަޝްރޫޢުތަކެއް މި ސަރުކާރުން ހިންގަވަމުން ގެންދަވަނީ މި ސަބަބުތަކަށްޓަކައި. ޤައުމު ފަޚުރުވެރިވާ މިފަދަ ސިފަތައް ރަމްޒުކޮށްދޭ ޤައުމިއްޔަތެއް ދިވެހި ކޮންމެ ހިތެއްގައި އަށަގެންނެވުމުގެ ޤައުމީ ބޭނުމުގައި." ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

މާޒީއިން ޔަޤީންކޮށްދެނީ އަޅުގަނޑުމެންގެ ކާބަފައިންނަކީ ހުރިހާ ގޮތަކުން ވެސް ޤާބިލު ބައެއްކަމަށާއި އެ ސިކުނޑިތަކަކީ ކިހައި ފުރިހަމަ އަމާޒަކަށް ދަތުރުކުރި ސިކުނޑިތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ހީނާ ވިދާޅުވީ ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ހަރުދަނާ ސިޔާސަތެއްގެ މައްޗަށް ބިނާވެފައިވާ ދައުލަތެއްގެ ގޮތުގައި ދެމި އޮތުމުގެ އެންމެ މުހިންމު ސަބަބަކީ މާތްވެގެންވާ އިސްލާމް ދީންކަމަށެވެ. އަދި ޤައުމުގައި އުފެދުނު އަބްޠާލުން ޖިހާދުކުރެއްވީ އަދި ޤުރުބާންވެވަޑައިގަތީ އިސްލާމް ދީނަށް ޓަކައިކަމަށާއި އެދީނުގެ ތެދުމަގުގައި އަޅުގަނޑުމެންގެ ރާއްޖެ ދެމެހެއްޓުމުގެ މާތް މަޤްޞަދުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަކީ އަބަދުވެސް އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި ދެމި އޮންނަ ޤައުމަކަށް ހެދުމަށް އަޒުމުކަނޑައެޅުމަށް ގޮވާލައްވާފައެވެ. މި ވިސްނުންތަކާއެކު މިއަދު ހުޅުވިފައިވާ ދުނިޔޭގައި އަޅުގަނޑުމެންނަން ހުރި ނުރައްކާތަކާއި ރައްކާތެރިކަމުގެ ފުރުސަތުތައް ދެނެގަނެ މި ފަސްމަތީގައްޔާއި އަޅުގަނޑުމެންގެ ހިތްތަކުގެ އެންމެ ފުނުގައި އިސްލާމްދީން ދެމެހެއްޓުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ.