ޚަބަރު

މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް


އިންޑިޔާގެ ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ބްރިކްސް ސަމިޓުގައި މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ބްރިކްސްގެ ޤައުމުތަކުން އެކުގައި ޤަރާރެއް ނެރެފިއެވެ.

ސަމިޓުގެ ފުރަތަމަ ދުވަހު ނެރުނު ނިއު ދިއްލީ ޑިކްލްރޭޝަންގައި ޤައުމުތަކުން ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެދާނެ ގޮތަކަށް ޢަމަލު ނުކުރުމަށް ގޮވާލައިފައެވެ. އަދި ބައިނަލްއަޤްވާމީ އެއްބާރުލުމާއެކު ޤައުމުތަކުން އެކުގައި މަސައްކަތްކޮށް، އެއް ޤައުމުން އަނެއް ޤައުމު ދެކޭ ގޮތަށް އިޙްރިތާމު ކުރުމަށް ވެސް އެ ޤަރާރުގައި ގޮވާލާފައިވެއެވެ.

ޤަރާރުގައި އިތުރަށް ބުނީ ބައިނަލްއަޤްވާމީ ދެބަސްވުންތައް މަޝްވަރާއާއި ޑިޕްލަމަސީގެ މަގުން ޙައްލު ކުރުމަށް ބްރިކްސްގެ މެންބަރު ޤައުމުތަކުން ތައްޔާރަށް ތިބި ކަމަށެވެ.

ޤަރާރުގައި ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫއަރާ ގޮތަށް ބައެއް ޤައުމުތަކުން ޓެރިފްތަަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ބޭނުންކުރާ ކަމަށް ފާހަގަކޮށް އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޤަރާރުގައި އެ ނުކުތާ ހިމަނާފައި ވަނީ މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފިޔަަޅުތަކެއް އަޅާފައި ވަނިކޮށެވެ. އަދި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް ވެސް ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.

ބްރިކްސްގެ ޤައުމުތަކުން ހަނގުރާމައިގެ ޙާލަތު ގޯސްވިޔަ ނުދިނުމަށް ގޮވާލައި ޤަރާރެއް ނެރެފައި މި ވަނީ މިދިޔަ އޮގަސްޓު މަހުގެ ބޮޑު ބައެއްގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު އީރާނާއި އެމެރިކާއާ ދެމެދު އަނެއްކާ ވެސް ހަމަލާތައް ބަދަލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ބްރިކްސްގެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ބްރެޒިލްއާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާއާއި މިޞްރާއި އިތިއޯޕިޔާއާއި އިންޑޮނޭޝިޔާއާއި އީރާންއާއި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އެވެ. ބްރިކްސްގެ ޤައުމުތަކުގެ ތެރޭގައި އީރާންއާއި ޔޫއޭއީ ހިމެނޭއިރު، މެދުއިރުމަތީ ހަނގުރާމައިގައި ޔޫއޭއީއަކީ އެމެރިކާއަށް މަދަދުވެރިވާ ޤައުމެކެވެ. ދެ ފަރާތަށް ނިސްބަތްވާ ދެ ޤައުމު ބްރިކްސްގެ ޤައުމުތަކުގެ ގޮތުގައި އޮތުމުން ޤައުމުތަކުން އެކުގައި ބަޔާނެއް ނެރުމަށް އުނދަގޫ ވާނެ ކަމަށް އޮތީ ބެލެވިފައެވެ.