ޚަބަރު

ރާއްޖެ އިސްލާމްވި ދުވަސް: ލޯގޯއާއި ޝިޢާރު އިފްތިތާޙްކޮށްފި


  • މިއަހަރު ފާހަގަކުރަމުން މިދަނީ ރާއްޖެ އިސްލާމްވިތާ 9 ޤަރުނު ފުރުން

  • އަހަރު ދުވަހަށް ދެމިގެންދާގޮތަށް ތަފާތު ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައި

  • މިއީ ހުރިހާ އުމުރުފުރާގެ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ހަރަކާތްތަކެއް

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގައި ބޭނުންކުރާނެ ލޯގޯއާއި ޝިޢާރު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި މި ލޯގޯއާއި ޝިޢާރު އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ލޯގޯއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން 1 އަހަރު ދުވަހަށް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ލޯގޯއެކެވެ.

ރާއްޖެ އިސްލާމްވިތާ 9 ޤަރުނު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "އިސްލާމީ ނޫރުގައި 9 ޤަރުނު - ދިވެހީންގެ ނަސީބާއި އުފާ" މި ޝިއާރެވެ.

މިއަހަރުގެ މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ދެމިގެންދާގޮތަށް ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި މާލެ ސަރަޙައްދަށް ޚާއްސަ ހަރަކާތްތަކާއި، އަތޮޅުތަކަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްވެސް ނިންމާފައިވެއެވެ. ގާތްގަނޑަކަށް 15 ވަރަަކަށް ހަރަކާތް ކުރިއަށްގެންދިޔުމަށް ރާވާފައިވާއިރު މި ހަރަކާތްތަކަކީ ހުރިހާ އުމުރުފުރާގެ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި، ރާއްޖެ އިސްލާމްވި ތާރީޚީ މުނާސަބާ ރަމްޒުކޮށްދޭ ދާއިމީ ހަނދާނެއްގެ ގޮތުގައި މާލެ ސަރަޙައްދުގައި 900 އަހަރުގެ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ފެށުން ހިމެނެއެވެ. އަދި ހުރިހާ އުމުރުފުރާއެއްގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭގޮތަށް ބައިނަލްއަޤްވާމީ އިސްލާމީ ޓްރޭޑް ފެއަރއަކާއި، ޤައުމީ ޤުރުއާން ކިޔެވުމުގެ ފެސްޓިވަލެއްގެ އިތުރުން ޤައުމީ، އިސްލާމީ، ޢިލްމީ ސުވާލު މުބާރާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، އިސްލާމީ ސޮލިޑިޓަރީ ގޭމްސްގެ ނަމުގައި ކުޅިވަރު ހަރަކާތަކާއި، އިސްލާމީ ކެލިގްރަފީ ފެސްޓިވަލަކާއި، ފިލްމީ ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ ތާރީޚާއި ސަޤާފަތް އާންމުންނަށް ފޯރުކޮށްދިނުމަށް އިސްލާމީ ފިލްމް ފެސޓިވަލެއްގެ އިތުރުން ޒުވާނުންނަށް ދީނީ ތަރުބިއްޔަތާއި އިސްލާމީ ރިވެތި އަޚްލާޤު އުނގަންނައިދިނުމަށް ޒުވާނުންގެ އިސްލާމީ ތަރިކަ ކޭމްޕެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދުވަހާއި ގުޅިގެން ގަދީމީ އަތުލިޔުންތަކާއި ތާރީޚީ ތަރިކަ ދިރުވައި އާލާކުރުމަށް ރާއްޖޭގެ އިސްލާމީ ތާރީޚުގެ މިއުޒިއަމް ގެލެރީއެއްގެ މަސައްކަތާއި، އަތޮޅުފެންވަރުގައި ދީނީ މަހާސިންތާއެއް ބޭއްވުމުގެ އިތުރުން އިމާރާތްކުރުމުގައި ދިވެހި އިސްލާމީ ފަރުމާތައް ބޭނުންކުރުމުގެ މުބާރާތެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ރާވާފައެވެ. އަދި ރާއްޖޭގެ މިސްކިތްތަކުގެ ފޮޓޯފޮތް، ދިވެހި އިސްލާމީ ބިނާތައް މި ނަމުގައި ހިރިގަލުގެ މިސްކިތްތަކުގެ އާކިޓެކްޗަރ ޝާއިއުކުރެވިގެންދާނެއެވެ.

ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ، އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތްތައް ވެގެންދާނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝައުޤުވެރިކަންވެސް ހޯދޭ ކަމެއްކަމަށްށެވެ.

މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ރާއްޖޭގެ އިސްލާމީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމާއެކު އިސްލާމީ ފަންނުވެރިކަމާއި ޢިލްމީ ދިރާސާތައް ކުރިއަރުވައި، ބައިނަލްއަޤްވާމީ އިސްލާމީ އުއްމަތާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް އަންނަންއޮތް ޖީލުތަކުގެ މެދުގައި އިސްލާމީ އަޤީދާއާއި ދީނީ ވަހުދަތު ހަރުދަނާކުރުމެވެ.