ކުޅިވަރު

ބޯނަސް ނުލިބޭތީ ވެސްކަލޯނީ އެއްބަސްވުން އާކުރަން ބޭނުމެއްނޫން


ބޯނަސް ނުލިބޭތީ އާއި އެ ނޫން ސަބަބުތަކާހުރެ އާޖެންޓީނާގެ ކޯޗުކަމުގައި ދެމިހުރިމާމެދު ވަކި ގޮތެއް ނުނިންމައި ކޯޗު ލަޔޮނަލް ސްކަލޯނީ ދިގު ދަންމާލައިފި އެވެ.

ފާއިތުވެދިޔަ އަށް އަހަރު ޓީމުގައި ހުރި ކޯޗުގެ ކޮންޓްރެކްޓް މިއަހަރުގެ ނިޔަލަށް ހަމަވާނެ އެވެ. އޭނާގެ ކޯޗުކަމުގައި އާޖެންޓީނާ ވަނީ 2021 އާއި 2025 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާއި 2022ގެ ވޯލްޑް ކަޕާއި ފައިނަލިސިމާ ތަށި ކާމިޔާބު ކޮށްފަ އެވެ.

ނަމަވެސް މި ކާމިޔާބީތަކާއެކު ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންނަށް ދޭން ޖެހޭ ބޯނަސް ދީފައި ނުވުމަކީ ސްކަލޯނީ ކޮންޓްރެކްޓް އާ ކުރަން އެއްބަސް ނުވާ އެއް ސަބަބެވެ. ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް 20 ދުވަހަށް ވެފައިވާއިރު އަދިވެސް އާޖެންޓީނާގެ ޓީމު ފައިނަލެއް ނުކުރެ އެވެ. މީގެ ސަބަބަކީ ސްކަލޯނީ މަސައްކަތާ ދުރުގައި މިވަގުތު ހުރުމެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކޯޗު ކޮންޓްރެކްޓް އާ ކުރުމާމެދު ގޮތެއް ނުނިންމައި ހުރި އަނެއް ސަބަބަކީ ކެޕްޓަން ލަޔޮނަލް މެސީ ރިޓަޔާ ކުރުމެވެ. މީގެ އިތުރުން މިދިޔަ އަހަރުތަކުގައި ޓީމުގައި ތިބި ސީނިއާ ގިނަ ކުޅުންތެރިން ރިޓަޔާ ކުރުމާއެކު އަލުން ޓީމު ބިނާ ކުރަން ޖެހުމަކީ ވެސް ސަކަލޯނީ އަށް އޮތް ކަންބޮޑުވުމެކެވެ.

ތިން ވަނަ ސަބަބަކީ މިދިޔަ އަށް އަހަރު އޭނާ ކުރި މަސައްކަތް އެ ބާރު މިނުގައި ކުރެވިދާނެ ކަމާމެދު އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު ނެތުން ކަމަށް ވެސް އާޖެންޓީނާގެ މީޑިޔާތަކުން ބުނެ އެވެ. މީގެ އެއް ސަބަބަކީ ކޯޗިން ސްޓާފުގެ ބައެއް މެމްބަރުން އަމިއްލަ ކޯޗިން ކެރިއަރެއް ފަށަން ތައްޔާރުވެ ގައުމީ ޓީމާ ވަކިވާން ތައްޔާރުވަމުންދާތީ އެވެ. މީގެ ތެރޭގައި އެސިސްޓެންޓް ކޯޗު ވޯލްޓާ ސެމިއުލް ވެސް ހިމެނެ އެވެ.