ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ދަނީ އިޤްތިޞާދީ އަދި އިޖްތިމާއި ގިނަ މައްސަލަތަކަކާއި ކުރިމަތިވަމުންނެވެ. މިބަލިމަޑުކަމުގެ ސަބަބުން އިރުމަތީ އޭޝިއާ އާއި ޕެސިފިކްގެ ޤައުމުތަކުގެ ރައްޔިތުން ފަޤީރުކަމުން ސަލާމަތްކުރުމަށް ކުރާ މަސައްކަތަށްވެސް ބުރޫއަރާނެކަމަށް ވޯލްޑް ބޭނުންކުން ވަނީ ބުނެފައެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުން އިޤްތިޞާދީ އަދި އިޖްތިމާއީ ގޮތުން ހޯދަމުންދިޔަ ބޮޑެތި ކުރިއެރުންތަކެއް ކޮވިޑް-19ގެ ސަބަބުން ދަނީ ފަހަތަށް ޖެހެމުންނެވެ. އަދި މި ގެއްލުންތައް ކުޑަކުރަން އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ޤައުމުތަކުގެ އިޤްތިޞާދަށް އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމުގެ އިންޒާރު ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުން ދަނީ ދެމުންނެވެ.
ކޯވިޑް-19ގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދުތަށް މަޑުޖެހި، ލިބެމުންދާ ގެއްލުމުގެ ސަބަބުން ޤައުމުތަކުގެ ރައްޔިތުން ފަޤީރުކަމުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް ބުރޫއަރާނެކަމަށް ވޯލްޑް ބޭންކުންވެސް ބުނެއެވެ. ވޯލްޑް ބޭންކުން ބުނީ މިބަލިމަޑުކަމާހެދި އިރުމަތީ އޭޝިއާ އާއި ޕެސިފިކްގައި ތިބި 24 މިލިއަނަށްވުރެ ގިނަ މީހުން ފަޤީރުކަމުގެ ހާލަތުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓޭނެ ކަމަށެވެ. އަދި މިހާތަނަށް މިކަމުގައި ލިބެމުންދިޔަ ކުރިއެރުންތައްވެސް ގެއްލޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
މީގެއިތުރުން ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް އިޤްތިޞާދީ އަދި އިޖްތިމާއީ ގިނަ މައްސަލަތައް ކުރިމަތިވާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާއިރު މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކޯވިޑް-19ގެ ސަބަބުން އެންމެ ބޮޑު އަސަރު ކުރަމުންދާ ދާއިރާތަކަށް ބަރޯސާވެ އާމްދަނީ ހޯދާ ފަރާތްތަކަށެވެ. އެގޮތުން ވޯލްޑް ބޭންކުން ބުނީ އިރުމަތީ އޭޝިއާ އަދި ޕެސިފިކްގެ ސަރަހައްދުތަކުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމުތަކަށް ކޯވިޑް-19ގެ ސަބަބުން ކުރާ އަސަރު ވަރަށް ބޮޑު ވާނެކަމަށެވެ. އަދި އިރުމަތީ އޭޝިއާގައި ތަކެތި އުފެއްދުމަށް ބަރޯސާވެފައިވާ ޤައުމުތަކަށްވެސް ބޮޑު އަސަރެއް ކުރާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.
ވޯލްޑް ބޭންކުން ވަނީ ކޯވިޑް-19ގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރަގަތުމަށް ހަރުދަނާ ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަކޮށްފައެވެ. އަދި ހާއްސަކޮށް އިރުމަތީ އޭޝިއާއާއި ޕެސިފިކްގެ ޤައުމުތަކުން ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ކުރާ ހޭދަ އިތުރުކޮށް ސިއްހީ ދާއިރާ ފުޅާކޮށް، މެޑިކަލް އިކުއިޕްމަންޓު ތަރައްޤީކުރުމާއި، ބަލި މީހުންނަށް އެހީތެރިވުމުގެ ގޮތުން ކުރާ ހޭދަ ބޮޑު ކުރަންޖެހޭކަމަށްވެސް ވޯލްޑް ބޭންކުން ބުނެއެވެ.
ކޮވިޑް-19 ގެ ސަބަބުން އިރުމަތީ އޭޝިއާ އާއި ޕެސިފިކުގެ ޤައުމުތަކުން ފަގީރުކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދިޔަ މީހުންގެ ތެރެއިން މަދުވެގެން 24 މިލިއަން އަދި ގިނަވެގެން 35 މިލިއަން މީހުންގެ ހާލަތު ބަދަލުކުރުމުގައި މި ބަލިމަޑުކަމުގެ ސަބަބުން ދަތިތައް ކުރިމަތިވާނެ ކަމަށްވެސް ވޯލްޑް ބޭންކުން ބުނެއެވެ. ވޯލްޑް ބޭންކުން ފަގީރުންގެ ގޮތުގައި ބަލަނީ ދުވާލަކު 5.50 ޑޮލަރު ނުވަތަ އެއަށްވުރެ މަދުން ލިބޭ ފަރާތްތަކެވެ.
ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިއާ އަދި ޕެސިފިކްގެ ނައިބް ރައީސް ވިކްޓޯރިއާ ކުއާކުއާ ވިދާޅުވީ މިސަރަހައްދުތަކުގެ ޤައުމުތަކުން ކޮވިޑް-19 އާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އަޅަމުންދާނަމަ މި ބަލިމަޑުކަމުން ލިބޭ އިޤްތިސާދީ އަދި އިޖްތިމާއީ ގެއްލުންތައް ކުޑަކުރެވޭނެކަމަށެވެ.