"ފަހި ދިރިއުޅުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަޅާ 1700 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފިއެވެ.
އެކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ. "ފަހި ދިރިއުޅުން" މި ނަމުގައި ބިންގާއެޅި މި މަޝްރޫޢަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢެވެ.
އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 1700 ހައުސިންގ ޔުނިޓެވެ. މިހައުސިންގ ޔުނިޓްތައް ހަދާފައި ހުންނާނީ 15 އަދި 16 ފަންގިފިލާގެ 11 ޓަވަރުގައެވެ. މީގެ ތެރޭގައި ހިމެނެނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 1020 އެޕާޓްމަންޓާއި، 650 އަކަފޫޓުގެ 2 ކޮޓަރީގެ 680 އެޕާޓްމަންޓެވެ.
މި މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މި މަޝްރޫޢު ޚާއްސަކޮށްފައިވަނީ ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިތިބި ފަރާތްތަކަށް ޚާއްސަކޮށްގެންކަމަށެވެ. އަދި އެޕާޓްމަންޓްތަކުގެ ސައިޒާއި، މަޝްރޫޢުގެ ކޮންސެޕްޓް ޑިޒައިންކޮށްފައި ވަނީ ކަމާބެހޭ ތަޖުރިބާކާރުންނާއި ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޝްވަރާއާއެކުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ޚާއްސަކޮށްގެން އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްކަމަށެވެ. އަދި މި ސަރުކާރުން ތަރައްޤީކުރާ ހައުސިންގ މަޝްރޫޢުތަކުގެ އަގުތައް އަތްފޯރާފަށުގައި ހިފަހައްޓާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
މި 1700 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޢުމްރާނީ ތަރައްޤީ އާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމުގައި ހަރަކާތްތެރިވާ ޗައިނާގެ މަޝްޙޫރު ކުންފުންޏެއްކަމަށްވާ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނާއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރުގެ މެއިމަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ގާތްގަނޑަކަށް 133 މިލިއަން ޑޮލަރު ޚަރަދުވާ މިމަޝްރޫގެ ޢަމަލީ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.