ޚަބަރު

މަސްމާރުކޭޓުގެ އެއްބަސްވުން ބާޠިލްކުރަން އެދުމުންވެސް ކައުންސިލުން އެކަމެއް ނުކުރޭ


  • ތަކުރާރުކޮށް އެންގުމުންވެސް ބިން ހުސްކޮށްދީފައެއް ނުވޭ

  • ބިން ހަވާލުކުރެވޭނީ އެއްބަސްވުން ބާޠިލުކުރުމަށްފަހު ކަމަށް ބުނެފައިވޭ

މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްދޭން އެ ކުންފުނިން އެ އިދާރާގައި އެދިފައިވާއިރު ވެސް، އަދިވެސް އެކަން ނުކޮށް އޮތް ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ލޯކަލް މާރުކޭޓު ހުރި ސަރަޙައްދުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ޢިއުލާނުކޮށްފައިވާ "ވެޓް މާކެޓް" މަޝްރޫޢަށް ބޭނުންވާ ބިން ހަވާލުކޮށްދޭން މާލެ ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދިފައިވާކަމަށެވެ.

އެހެންނަވެސް ބިން ހަވާލުކުރެވެން ނެތްކަން ބަޔާންކޮށް މިދިޔަމަހުގެ 20ވަނަ ދުވަހު ކައުންސިލުން ސިޓީއެއް ފޮނުވާފައިވާކަމަށެވެ.

ވެޓް މާކެޓް އިމާރަތްކުރުމަށް ބޭނުންވާ ބިން ހަވާލުކުރެވެން ނެތް ސަބަބެއްކަމުގައި ސިޓީ ކައުންސިލުން ބުނެފައިވަނީ، 2023ވަނަ އަހަރުގެ މާރިޗުމަހު އެ ކައުންސިލާއި އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މަސްމާރުކޭޓު ސަރަހައްދު ތަރައްގީ ކުރަން ހަވާލުކޮށްފައި ވާތީ ކަމަށާއި، ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުން ބާޠިލް ކުރުމަށް ފަހުކަމަށެވެ.

ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ މާލެ ސިޓީ ކައުންސިލުން ޕްލޭންކޮށް ޑިޒައިންކޮށްފައިވާގޮތަށެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، ކައުންސިލުން މަޝްރޫޢު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިއެއް ހެދުން ފިޔަވައި ޢަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ އެ މަޝްރޫޢުގެ އެއްބަސްވުން ބާޠިލްކުރުމަކީ އެއްވެސް ހުރަހެއް އޮތްކަމަށް އެ ވުޒާރާއިން ނުދެކޭކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ، މަޝްރޫޢުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރުވެސް ޢަމަލީ މަސައްކަތް ފެށުމަށް ފުިހަމައަށް ތައްޔާރުވެފައިވީނަމަވެސް އެ މަސައްކަތް ނުފެށި ހަމައެކަނި ލަސްވާ ސަބަބަކީ، މަޝްރޫޢު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް ހަވާލުކޮށްފައިނުވުންކަމަށެވެ.

މާރުކޭޓުގެ މަޝްރޫޢަށް 126 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން 3 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުމަށްވަނީ ޕްލޭންކޮށްފައެވެ.

600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ވަރަށް ބޭނުންތެރި މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ. އަދި މަސައްކަތް ލަސްވާ ކޮންމެ ދުވަހަކީ، މަޝްރޫޢުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުން މަޙުރޫމްވާނެކަމެއްކަމުގައި ގެދޮރުވެރިކަމާއިބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.