ޚަބަރު

771 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ޔޫއޭއީއިން ރާއްޖެއަށް ދީފި


ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޔޫ.އޭ.އީގެ ވެރިރަށް އަބޫދާބީގައި އޮތް ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފަންޑުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލްސުވައިދީއެވެ.

އަބޫދާބީ ސަރުކާރުން ރާއްޖެއަށް 385 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމާފައިވަނިކޮށް، އެ އެހީ ދެގުނައަށް ބޮޑުކޮށް، 771 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަން އަބޫދާބީ ސަރުކާރުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް އެންގެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވަނީ އެކަން އިއުލާންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވަނީ ޔޫ.އޭ.އީއަށް ރަސްމީ 2 ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ޔޫ.އޭ.އީއަށް ވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

މި ސަރުކާރު ވެރިކަމަށް އައުމާއެކު ޔޫއޭއީ އާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ވަނީ އިތުރު ވެފައެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް އެޤައުމުން ދަނީ ބޮޑެތި އެހީތަކެއްވެސް ދެމުންނެވެ. އަދި މި ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެޤައުމަށް ދަތުރު ކުރެވޭނެގޮތްވެސް ވަނީ ހަމަޖައްސައިދީފައެވެ.