ކުޅިވަރު

ދުނިޔޭގެ ޗެމްޕިއަންކަން އަނެއްކާވެސް ފްރާންސަށް


މުޅިން އަލަށް ފައިނަލްގައި ކުޅުނު ކްރޮއޭޝިޔާ 4-2 ން ބަލިކޮށް، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފްރާންސް މިރޭ ކާމިޔާބުކޮށްފިއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގެ ލުޒްނީކީ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގައި މުޅިން ވެސް ލީޑް ނެގީ ފްރާންސެވެ. ފުރަތަމަ ލަނޑަކީ އެންޓޮއިން ގްރިއެޒްމަން ޖެހި ހިލޭ ޖެހުމެއް ކްރޮއޭޝިޔާގެ މާރިއޯ މަންޒުކިޗްގެ ބޮލުގައި ޖެހިފައި ވަން ގޯލެކެވެ. އޭގެ ފަހުން އިވާން ޕެރްސިޗް ހަމަހަމަކުރި ނަމަވެސް ފްރާންސަށް ދެ ވަނަ ފަހަރަށް ލީޑް ހޯދައިދިނީ ވެސް ގްރިއެޒްމަން އެވެ. މިފަހަރު ވީއޭއާރްގެ އެހީގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ މުބާރާތުގައި އޭނާ ޖެހި ހަތަރުވަނަ ގޯލެވެ.

ފަހު ހާފުފައި ފްރާންސްގެ ތިން ވަނަ ލަނޑު ޖެހީ އެމްބާޕޭއެވެ. މިއީ ބްރެޒިލްގެ ޕެލޭއަށް ފަހު 19 އަހަރުގެ ކުޅުންތެރިއަކު ފައިނަލްގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ފްރާންސްގެ ފަހު ގޯލު ޖެހީ ޕައުލް ޕޮގްބާއެވެ. ކްރޮއޭޝިޔާގެ ދެ ވަނަ ލަނޑު ޖެހީ ފްރާންސްގެ ކީޕަރު ހެދި ގޯހަކުން މަންޒުކިޗެވެ.

މިއީ ފްރާންސް ދުނިޔޭގެ ތަށި ހޯދި ދެ ވަނަ ފަހަރެވެ. އެމީހުން ފުރަތަމަ ތަށި ހޯދީ 1998 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބްރެޒިލް ބަލިކޮށްގެންނެވެ. މި ކާމިޔާބީއާއެކު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ވެފައިވަނީ ކުޅުންތެރިއެއްގެ ގޮތުންނާއި، ކޯޗެއްގެ ގޮތުން މި ތަށި ހޯދި ތިން ވަނަ މީހާ އަށެވެ. އޭނާ އަކީ 98ގެ ފްރާންސް ކެޕްޓަނެވެ. ކުޅުންތެރިއެއްގެ ގޮތުން އަދި ކޯޗެއްގެ ގޮތުން މިގެ ކުރިން ތަށި ހޯދީ ބްރެޒިލްގެ މާރިއޯ ޒަގަލޯ އާއި ޖަރުމަނުގެ ފްރާންސް ބެކެމްބާ އެވެ.

މީގެ ހަތަރު އަހަރު ފަހުން ވޯލްޑް ކަޕް ދެން ބާއްވާނީ ޤަތަރުގަ އެވެ.