ރާޒުވާގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ޗެސް އޮލިމްޕިއާޑްގައި ޤައުމު ތަމްސީލުކުރާ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްފިއެވެ.
ހ. ބޯޅަ ގޭގައި މިރަސްމިއްޔާތު ބާއްވާފައިވާއިރު، ޤައުމީ ރާޒުވާ ޓީމާ ޖާޒީ ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހްމަދު މުހައްމަދު ވަހީދުއެވެ.
46 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑް މިއަހަރު ކުރިއަށްދާނީ އުޒްބަކިސްތާނުގެ ސަމަރކަންޑުގައެވެ. މިމަހުގެ 15 އިން 28 އަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ 10 ކުޅުންތެރިން ވާދަކުރާނެއެވެ. ފަސް އަންހެން އަދި ފަސް ފިރިހެން އެތުލީޓުން ހިމެނޭ މި ސްކޮޑުން ޖާގަ ހޯދާފައިވާ ކުޅުންތެރިންނަކީ މިވަގުތު ޤައުމީ ރޭންކިންގެ އެންމެ އުހުގައި ތިބި ކުޅުންތެރިންނެވެ.
އެއީ މުހައްމަދު ޝުޢާއު، މުހައްމަދު ހަސަން، ޢަބްދުއްރަހްމާން ޢަލީ، މުހައްމަދު ރާކިން ފަޔާޒް، އަހްމަދު އަބޫބަކުރު، ނިހާޔާ އަހްމަދު، އީނާ ޢަބްދުﷲ ހަސަން، މަރްޔަމް ލައިސާ ޢަބްދުއްރަޝީދް، ޢާއިޝަތު އަލްޔާ މުހައްމަދު ޝަރީފްގެ އިތުރުން ޢާއިޝަތު ނޯޔާ ޝަހުރުއްދީން އަފީފްއެވެ.
މި ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްދެއްވުމަށްފަހު ޓީމާ މުޚާތަބުކުރައްވަމުން ސްޓޭޓް މިނިސްޓަރ އަހްމަދުވަނީ ކުޅުންތެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މިފަދަ ބޮޑު މުބާރާތެއްގައި ޤައުމު ތަމްސީލުކުރާއިރު، އަބަދުވެސް ރިވެތި އަޚްލާޤާއި ޤައުމު އިސްކޮށް، އިސްލާމީ ރިވެތި އުސޫލާއެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ކުޅުންތެރިންގެ ކިބައިން ސްޓޭޓް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު، ކޮންމެ ކުޅުންތެރިޔަކުވެސް ފަހުވަގުތާ ހަމައަށް ހިތްވަރުކޮށް ޤައުމަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށް އުންމީދުކުރައްވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ޤައުމީ ރާޒުވާ ޓީމާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރވަނީ ރާޒުވާ އެސޯސިއޭޝަންއަށް މިވަގުތު ދިމާވެފައިވާ ހާލަތާގުޅިގެން ކުޅުންތެރިންނަށް އެކަމުގެ އަސަރުނުކުރާނެގޮތަކަށް ކަންކަން ބައްޓަންކުރާނެކަމުގެ ޔަގީންކަންދެއްވާފައެވެ. އެސޯސިއޭޝަންގެ ހިންގުން ވަގުތީ ގޮތުން އެމްއޯސީއާ ހަވާލުކޮށްފަވާއިރު ރާޒުވާ ކުޅުންތެރިންނަށް ބޭނުންވާ އެންމެހާ އެހީތެރިކަން ކުޅިވަރު ވުޒާރާއާއި އެމްއޯސީ ގުޅިގެން ކޮށްދެއްވާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އިނގޭ މިއަދު ޗެސް އެސޯސިއޭޝަން އޮތް ހާލަތު އިނގޭތޯ. ކުޅުންތެރިންނަށް އަޅުގަނޑުމެން އަރުވަން އޮތް ޔަގީންކަމަކީ ތިބޭފުޅުންނަށް ކަމެއް އުންޏެއްނުވާނެކަން. ތިބޭފުޅުންގެ ކުރިއެރުމާ، ތިބޭފުޅުންގެ ކަންކަމުގައި ކުރަންޖެހޭ ހުރިހާ ކަމެއް މިނިސްޓްރީއާ އެމްއޯސީއާ ގުޅިގެން ކުރިއަށްގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު އަރުވަން" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ޗެސް އޮލިމްޕިއާޑްގައި ވާދަކުރުމަށް ޤައުމީ ޓީމު ތައްޔާރުވަމުން އަންނަނީ ކްރޮއޭޝިއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތަށް ޤައުމީ ޓީމު އުޒްބަކިސްތާނަށް ފުރާނީ 13 ވަނަ ދުވަހުއެވެ.
އުޒްބަކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައި މުބާރާތުގެ ކުޅުން އޮންނައިރު، މިމުބާރާތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 1800އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ.