ކުޅިވަރު

ތަފާތަކީ ކްރޮއޭޝިޔާ ކުޅުންތެރިން ކުލަބު ލެވެލްގައި ހޯދާފައިވާ ތަޖުރިބާ - ޑެޝޯން


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މިރޭ ފްރާންސާ ދެކޮޅަށް ނުކުންނަ ކްރޮއޭޝިޔާ ޓީމުގެ ތަފާތަކީ އެ ޓީމުގެ ކުޅުންތެރިންގެ ތަޖުރިބާ ކަމަށް ފްރާންސުގެ ކޯޗު ޑިޑިއޭ ޑެޝޯން ބުނެފި އެވެ.

"މި ދެ ޓީމުގެ ތަފާތަކީ ކުލަބު ލެވެގައި ކްރޮއޭޝިޔާ ކުޅުންތެރިން ހޯދާފައިވާ ތަޖުރިބާ. ހާއްސަކޮށް އެމީހުންގެ މިޑްފީލްޑް ލައިން. ދުނިޔޭގެ އެންމެ ބޮޑު ކުލަބުތަކަށް ކުޅޭ ކުޅުންތެރިން އެ ޓީމުގައި އެތިބީ. އެއީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު އިތުބާރެއް. އެކަމަކު އަހަރުމެން ދުލެއް ނުދޭނަން،" ކޯޗު ބުންޏެވެ.

ކްރޮއޭޝިޔާގެ ކުޅުންތެރިންގެ ތެރެއިން ކެޕްޓަން ލޫކާ މޮޑްރިޗަކީ ފާއިތުވެދިޔަ ތިން އަހަރު ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބު ރެއާލް މެޑްރިޑުގެ އެންމެ މުހިންމު މިޑްފީލްޑަރެވެ. އޭނާއާއެކު މެދަށް ކުޅޭ އިވާން ރަކިޓިކް އަކީ މިދިޔަ ދެ އަހަރު ސްޕެނިޝް ލީގު ކާމިޔާބުކުރި ބާސެލޯނާގެ އެންމެ މުހިންމު މިޑްފީލްޑަރެވެ. ފޯވަޑް މާރިއޯ މަންޒުކިޗް ކުޅެނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށެވެ. އިވާން ޕެރްސިޗް އަކީ އިންޓަމިލާނުގެ މުހިންމު ކުޅުންތެރިއެކެވެ. ދެން ވެސް ތިބީ ޔޫރަޕުގެ ބޮޑެތި ޓީމުތަކަށް ކުޅޭ ކުޅުންތެރިންނެވެ.

މި މެޗަކީ ޑެޝޯން އަށް ވެސް ވަރަށް ހާއްސަ މެޗެކެވެ. އޭނާ އަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ ކެޕްޓަނެވެ. މިހެންވެ ތަށި ލިބިއްޖެނަމަ އޭނާ ވެގެންދާނީ ޖަރުމަނުގެ ފްރާންޒް ބެކެމްބާ އަށް ފަހު ކެޕްޓަނެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުން ދުނިޔޭގެ ތަށި ހޯދާ ފުރަތަމަ މީހާ އަށެވެ.
މި ޝަރަފު ހޯދަން ނުކުންނައިރު އޭނާގެ ޓީމާމެދު ޑެޝޯން ހުރީ ވަރަށް ބޮޑު ޔަގީންކަމެއްގަ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ފްރާންސް ވަނީ މީގެ ދެ އަހަރު ކުރިން އަމިއްލަ ގައުމުގައި ކުޅުނު ޔޫރޯ ފައިނަލުން ބަލިވެފަ އެވެ.

"މި ޓީމުގެ ގިނަ ކުޅުންތެރިންނަކީ އެ ފައިނަލްގައި ނުކުޅޭ ކުޅުންތެރިން. 14 ކުޅުންތެރިންނަކީ މުޅިން އާ ކުޅުންތެރިން. އެކަމަކު އެ ފައިނަލްގައި ކުޅުމަކީ ޓީމުގައި ސީނިއާކޮށް ތިބި ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް. އަހަރުމެންގެ ހުރިހާ ވިސްނުމެއް ހުރީ ފައިނަލް މެޗު ކާމިޔާބު ކުރަން،" ޑެޝޯން ބުންޏެވެ.

އޭނާ ބުނީ ކްރޮއޭޝިޔާ އަކީ ފްރާންސާއި ހިލާފަށް ތަޖުރިބާގެ ގޮތުން މާ ކުރީގައިވާ ޓީމެއް ކަމަށެވެ.