ކުޅިވަރު

މޮޑްރިޗް - ކްރޮއޭޝިޔާއިން "ވަގަށް" ވިއްކާލި ޖަވާހިރެއް!


ކްރޮއޭޝިޔާ އަކީ ފުޓްބޯޅަ އަށް މަޝްހޫރު ޔޫގޯސްލާވިޔާ ބައިބައިވުމަށްފަހު އުފެދުނު ކުޑަކުޑަ ޖުމުހޫރިއްޔާއެކެވެ. އެ ގައުމުގެ މީސްކޮޅު މަދު އާބާދީވަނީ ކްރޮއޭޓުންނާއި ސާރބުން އަދި ބޮސްނިއާ މީހުންނާއެކު މައްސުނިވެފައެވެ. ނަމަވެސް ބަލްކަން ހަނގުރާމައިގެ ކަޅުވިލާތަކުގެ ތެރެއިން 1991 ވަނަ އަހަރު މިނިވަންކަމުގެ އަލިވިލުނު ކްރޮއޭޝިޔާ ބަދަހި ގައުމެއްގެ ގޮތުގައި ދުނިޔެ އަށް ދައްކަން އެ ގައުމުގެ ފުރަތަމަ ރައީސް ބޭނުންކުރެއްވި އުކުޅަކީ ކުޅިވަރެވެ. ކުޅިވަރުގެ ތެރެއިން ކާމިޔާބު ހޯދުމަށް އޭނާ ހިތްވަރުދެއްވި އެވެ.

މި ގޮތުން އެންމެ ފުރަތަމަ ވާދަކުރި ބޮޑު މުބާރާތަކީ 1991 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތެވެ. ގޯރާން އިވަނިނެވިޗް ކޯޓަށް ނުކުތުމުގެ ކުރިން ރެކެޓް ދައްކާފައި ބުނީ "މިއީ މަގޭ ރެކެޓް، މަގޭ ފިސްތޯލަ،" ކަމަށެވެ. އޭނާ އަތުން އެ މެޗުގައި ބަލިވީ ގޯރާން ޕްރްޕިކެވެ. މެޗަށް ފަހު އޭނާ ބުނީ "ކޮންމެ މީހަކަށް ވެސް ވާދަކުރެވޭނެ،" ކަމަށެވެ. އަދި ކްރޮއޭޝިޔާގެ އަސްކަރިއްޔާގެ ބަދަލުގައި ކުޅިވަރު އިހްތިޔާރު ކުރީ "ކްރޮއޭޝިޔާ އަކީ ކޮން ބައެއްކަން ކޮންމެވެސް މީހަކު ދުނިޔެ އަށް ކިޔާދޭންޖެހޭތީވެ،" ކަމަށެވެ.

ޔޫގޯސްލާވިޔާގެ ސަބަބުން ކްރޮއޭޝިޔާގައި ވެސް އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. 1987 ވަނަ އަހަރުގެ ޔޫތު ވޯލްޑް ކަޕް ކާމިޔާބުކުރި ޔޫގޯސްލާވިޔާ ޓީމުގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިއަކީ ޑާވޯ ސުކާ އެވެ. އޭނާ އަކީ ކްރޮއޭޝިޔާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ މިހާރުގެ ރައީސެވެ. ސުކާ އަކީ 1998ގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދި ކްރޮއޭޝިޔާ ޓީމުގައި ކުޅެ މުބާރާތުގެ ރަންބޫޓު ހޯދި ކުޅުންތެރިޔާ އެވެ. އޭގެ ކުރިން 1994 ވަނަ އަހަރު އެންމެ އަވަހަށް ފުޓްބޯޅަ ކުރިއަރަމުން އަންނަ ގައުމުގެ އެވޯޑް ފީފާއިން ކްރޮއޭޝިޔާ އަށް ދިނެވެ.

ކްރޮއޭޝިޔާގެ ފުޓްބޯޅަ ކުލަބުތަކަކީ މާ މަޝްހޫރު ބައެއްނޫނެވެ. މިރޭގެ ފައިނަލް ކުޅޭ ޓީމުން ކްރޮއޭޝިޔާ ލީގުގައި ކުޅެނީ އެންމެ ދެ ކުޅުންތެރިންނެވެ. މިހެންވެ އެންމެ މުހިންމު އެއް ސަބަބަކީ އިގްތިސާދީ ހީނަރުކަމުގެ ތެރެއިން ކްރޮއޭޝިޔާގެ ފުޓްބޯޅަ ކުލަބުތަކުން ވަގު ވިޔަފާރި ކުރަމުންދިއުމެވެ.

އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ކުލަބަކީ ޑީނަމޯ ބަލްގްރޭޑެވެ. އެ ކުލަބުގެ ވެރިޔާއަކީ ޑްރަވްކޯ މަމިޗެވެ. އޭނާ އަކީ މި ކުލަބުން ފާހަގަކުރެވޭ ކުޅުންތެރިން ދުނިޔޭގެ ބޮޑެތި ކުލަބުތަކަށް ވިއްކުމުގައި އިސްކޮށްހުރި މީހާ އެވެ. އޭނާ މިހާތަނަށް ވިއްކާލި އެންމެ އަގުބޮޑު ކުޅުންތެރިއަކީ ކްރޮއޭޝިޔާގެ މިހާރުގެ ކެޕްޓަން ލޫކާ މޮޑްރިޗެވެ.

2008 ވަނަ އަހަރު އިނގިރޭސި ކުލަބު ޓޮޓެންހަމަށް މޮޑްރިޗް ވިއްކާލައިގެން ލިބުނު ގިނަ ފައިސާ ވަދެފައިވަނީ އޭނާގެ އަމިއްލަ ޖީބަށެވެ. މި މައްސަލަ މިހާރު ވެސް ތަހުގީގު ކުރެވެމުންދާއިރު ހަ އަހަރުގެ ޖަލު ހުކުމެއް ވެސް ކުލަބުގެ ވެރިޔާ އަށް ވަނީ ކުރިމަތިލާންޖެހިފަ އެވެ. މި މުއާމާލާތުގެ މައްސަލަ ދެނެގަތުމަށް މޮޗްރިޗް ވެސް ފަނޑިޔާރުގެ އަށް ހާޒިރުކުރި އެވެ. އޭނާ ބުނެފައިވަނީ ހިސާބުތަކުގެ ތަފްސީލު ހަނދާން ނެތް ކަމަށެވެ. މިހެންވެ ވޯލްޑް ކަޕުގެ ތަށި ހޯދި ނަމަވެސް ފަނޑިޔާރުގެ އަށް މޮޑްރިޗް އަދިވެސް ހާޒިރުކުރާނެ އެވެ. ސަބަބަކީ މޮޑްރިޗުގެ ވާހަކަތަކުގެ ސަބަބުން އޭނާ ޓޮޓެންހަމަށް ވިއްކާލުމުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމަށް ސަޕޯޓަރުން ވެސް ގަބޫލުކުރުމެވެ. މައްސަލަ ތަހުގީގުކުރަން އެދުމެވެ.

މިއީ ޑީނަމޯ އާއި ކްރޮއޭޝިޔާގެ އެހެން ކުލަބުތަކުންނާއި އެކުލަބުތަކުގެ ވެރިން އަމިއްލަ ފައިދާ އަށް ގައުމުގެ ފުޓްބޯޅައިގެ ގްރާސްރޫޓް މަރާލުން ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ. އެކަމަކު މި މައްސަލައިގެ ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް މޮޑްރިޗަކީ ކްރޮއޭޝިޔާ އިން ދުނިޔެ އަށް އެކްސްޕޯޓްކުރި އެގައުމު ނުދެކޭ ފަދަ ޖަވާހިރެކެވެ. ހުދު ޑާވޯސުކާ ވެސް ވަނީ އޭނާގެ ކެޕްޓަނަށް ތައުރީފް އޮއްސާލައިފަ އެވެ.

ފީފާ ވޯލްޑް ކަޕުގެ ތަށި ލިބުނަސް، ނުލިބުނަސް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުން އެންމެ ގާތީވެސް މޮޑްރިޗަށެވެ. ޅަފަތުގައި އޭނާ ވިއްކާލި މައްސަލައަކީ މުޅިން އެހެން މައްސަލައެކެވެ. އެކަން އެހެން ނުކުރިނަމަ ފަހަރުގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ތާޖު ލިބިގަތުމަށް މިރޭ ކްރޮއޭޝިޔާ މިކުރާ ހަނގުރާމައިގެ އެންމެ އިސްކޮމާންޑަރަކަށް އޭނާ ނުވެދިއުން ވަރަށް ގާތެވެ. އެކަމަކު ހަނގުރާމައިގެ ސަބަބުން ރެފިއުޖީއަކަށްވެ، ވަޒަނެއްގެ މަތީގައި އުޅެބޮޑުވި ލޫކާ މޮޑްރިޗަކީ މިއަދު މުޅި ގައުމުގެ ހިތްތަކަށް ހުރި ޝިފާއެކެވެ. ކުޅިވަރުގެ ތެރެއިން ކްރޮއޭޝިޔާ އަށް ފަހުރާއި ޝަރަފު ހޯދައިދިނުމަށް ފޫގަޅާލައިގެން ހުރި ކައްޕިތާނެވެ.