ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ތައްޔާރުވާއިރު ކްރޮއޭޝިޔާ ޓީމު އޮތީ ވަރަށް ވަރުބަލިކޮށް ކަމަށާއި ނަމަވެސް އެކަން ކުޅުންތެރިންގެ ފަރާތުން ނުފެންނަ ކަމަށް ކޯޗު ލަޓްކޯ ޑަލިޗް ބުނެފި އެވެ.
މުބާރާތުގެ ފައިނަލުގައި އަންނަ އާދީއްތަ ދުވަހު ކްރޮއޭޝިޔާ ވާދަކުރާނީ 1998 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސްއާއެވެ.
"އަހަރުމެން ހަގީގަތުގައި ވެސް ވަރަށް ވަރުބަލި. މި މެޗުގައި ވެސް ދެ ކުޅުންތެރިއަކު ކުޅުނީ ދެ ފައި ވަރުބަލިވެ އިންތިހާ އަށް ގޮސްފައިތިބެ. އެކަމަކު އެކަކު ވެސް ބޭނުމެއްނުވި ފައިބާކަށް. ކުޅުންތެރިން ބޭނުންވީ މެޗު ކުޅެން. އެއީ ވަރަށް އުފާވާ ކަމެއް،" އިނގިރޭސިން 2-1އިން ބަލިކޮށް ފައިނަލަށް ދިޔަ މެޗަށް ފަހު ކޯޗު ބުންޏެވެ.
އޭނާ ބުނީ ފްރާންސާ ދެކޮޅަށް ކުޅޭ މެޗަކީ ހަޔާތުގެ އެންމެ މުހިންމު މެޗުކަން ކުޅުންތެރިންނަށް އެނގޭ ކަމަށާއި މެޗަށް ކްރޮއޭޝިޔާ ވަރަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށެވެ.
"ހަގީގަތުގައި އަހަރުމެންނަކީ ކުޑަކުޑަ ގައުމެއް. ވަސީލަތް މަދު. އަހަރުމެން މި ހިސާބަށް އައުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. ފައިނަލަށް ދެވުމުން އެންމެ މުހިންމުވާނީ ތަށި. އެކަން ކުރަން ކުޅުންތެރިން ތިބީ ވަރަށް ބޭނުންވެފައި،" ކޯޗު ބުންޏެވެ.
ފަހަތުން އަރައި އިނގިރޭސިން ބަލިކުރި މެޗާ ބެހޭ ގޮތުން ކޯޗު ބުނީ ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނީ އޭނާގެ ޓީމު ކަމަށާއި މޮޅުވުން ހައްގު ކަމަށެވެ.
މުބާރާތުގެ ފައިނަލަށް ކްރޮއޭޝިޔާ ދަތުރުމިކުރީ ދެ ވަނަ ބުރާއި ކުއާޓާ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން މޮޅުވެ ސެމީގައި އިނގިރޭސިން ބަލިކޮށްފަ އެވެ. ކޯޗު ބުނީ މިއިން ކޮންމެ މެޗެއްގައި އިތުރުވަގުތުގެ 30 މިނިޓް ކުޅެން ޖެހުމަކީ އޭނާގެ ޓީމަށް ކެތްކުރެވޭ ވަރަށްވުރެ ބޮޑު ވޭނެއް ކަމަށެވެ.
"އެކަމަކު މިއީ ބަހަނާއެއްނޫން ފައިނަލަށް ތައްޔާރުވާއިރު. ދެ ދުވަސް ފަހުން އަހަރުމެން ފައިނަލަށް ނުކުންނާނީ ތައްޓަށް. ޓީމު އޮތީ ވަރަށް ފޯރީގައި،" ކޯޗު ބުންޏެވެ.