ކުޅިވަރު

ކްރޮއޭޝިޔާ މޮޅުކޮށްދިނީ ތަޖުރިބާ - ސައުތްގޭޓް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކްރޮއޭޝިޔާ އަތުން 2-1އިން ބަލިވެ އިނގިރޭސިން މުބާރާތުން ކެޓި އެއް ސަބަބަކީ ތަޖުރިބާ މަދުވުން ކަމަށް ކޯޗު ގެރެތް ސައުތް ގޭޓް ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ އިނގިރޭސި ޓީމަކީ ވަރަށް ޒުވާން ޓީމެއް ކަމަށެވެ.

"އެކަމަކު ކްރޮއޭޝިޔާގައި އެތިބީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިން. ގައުމީ ޓީމާއި ކުލަބު ލެވެލްގައި ވެސް އެމީހުންގެ ތަޖުރިބާބޮޑު. އެ ތަފާތު މެޗުން ފެނިގެންދިޔަ. ހާއްސަކޮށް ފަހު ހާފުން ފެށިގެން އެމީހުންގެ ތަޖުރިބާގެ ބޭނުން ވަރަށް ބޮޑަށް ހިފި. ނޮކްއައުޓް މެޗުތަކުގައި މޮޅު ޓީމަކާއެކު ކުޅޭއިރު އަބަދުވެސް ސަމާލުވެ ތިބެންޖެހޭ. އެކަމަކު އަހަރުމެންގެ ތަޖުރިބާ މަދުތަންކޮޅުން ބައެއް ފަހަރު ގޯސްހެދިފައި އެބަހުރި،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ފައިނަލަށް ނުދެވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި ނަމަވެސް މެޗު ކާމިޔާބު ކުރަން ކުޅުންތެރިން ހުރިހާ މަސައްކަތެއްވެސް ކުރި ކަމަށެވެ.

"ކުޅުންތެރިންގެ ފަރާތުން އިތުރަށް އެދޭނެ އެއްވެސް އެއްޗެއްނެތް. އެމީހުން ވަރަށް މަސައްކަތް ކުރި. މިއީ ހިތްދަތި ވަގުތެއް. ކްރޮއޭޝިޔާ އަކީ ވަރަށް މޮޅު ޓީމެއް. އެފަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު އަބަދުވެސް ތިބެންވާނީ ހުށިހާރުވެގެން. އަދި ލިބޭ ފުރުސަތުތައް ބޭނުންކުރަންޖެހޭނެ. އަހަރުމެންވަނީ ގިނަ ފުރުސަތުތަކެއް ނަގާލާފައި. ފުރަތަމަ ހާފުގައި ކުޅުން ވަރަށް ރަނގަޅު. އެކަމަކު ފަހު ހާފުގައި އެމީހުން ކޮންޓްރޯލް ނެގި،" ކޯޗު ބުންޏެވެ.

އޭނާ ބުނީ އިނގިރޭސި ފުޓްބޯޅައިގެ މުސްތަގްބަލް އޮތީ އުޖާލާކޮށް ކަމަށާއި 2020 ވަނަ އަހަރުގެ ޔޫރޯއަކީ މުހިންމު މުބާރާތެއް ކަމަށެވެ.

"އަހަންނަށް ހީވަނީ ޓީމެއްގެ ގޮތުގައި މިއީ އަހަރުމެން އަލުން ބަދަހިވެގަންނަވީ ވަގުތުހެން. ކުރިއަށް އޮތް ދުވަސްތަކުގައި ވަރުގަދަ ޓީމެއްގެ ގޮތުގައި އަހަރުމެން އޮތުން މުހިންމު. ޔޫރޯ އަކީ މުހިންމު މުބާރާތެއް،" ކޯޗު ބުންޏެވެ.