ކުޅިވަރު

އިންގްލެންޑު ބަލިކޮށް ވޯލްޑްކަޕްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ކްރޮއޭޝިޔާ!


މެޗުގެ އިތުރުވަގުތުގައި މާރީއޯ މަންޒުކިޗް ޖަހައިދިން ގޯލުން މޮޅުވެ، ފުރަތަމަ ފަހަރަށް ކްރޮއޭޝީއާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުން އިންގްލެންޑްގެ މައްޗަށް ކުރި ހޯފައިގެންނެވެ.

މި މެޗުން ބަލިވުމުން ފަންސާސް ދެ އަހަރު ފަހުން ވޯލްޑް ކަޕުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އިންގްލެންޑަށް ވަނީ ގެއްލިފައެވެ.

އިންގްލެންޑުން ވަނީ މެޗުގެ ފަސްވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ކިއެރަން ޓްރިޕިއަރ މި ލަނޑު ކާމިޔާބުކޮށްދިނީ، އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އިންގްލެންޑްގެ ލަނޑަށް ފަހު ކްރޮއޭޝިއާއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑެއް ޖަހަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ މާ ރަގަޅު ފުރުސަތެއް އެޓީމަށް ލިބިފައެއްނުވެއެވެ. އޭގެ ބަދަލުގައި އިންގްލެންޑުން އުފެއްދި ކައުންޓަރ އެޓޭކްތަކުގައި އެޓީމުންވަނީ ކްރޮއޭޝިއާގެ ގޯލަށް ނުރައްކާކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި މޮޅަށް ކުޅުނީ ކްރޮއޭޝީއާއިންނެވެ. އެގޮތުން މެޗުގެ ފަސްދޮޅަށް ހަތަރުވަނަ މިނެޓުގައި އިވާން ޕެރިސިޗަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭރިޔާ ތެރޭގައި ހުރެ ޕެރިސިޗް ފޮނުވާލި ބާރުބޯޅަ ބްލޮކް ކުރީ އޭރިޔާ ތެރޭގައި ހުރި ކައިލް ވޯކާއެވެ. އޭގެ ހަތަރު މިނެޓު ފަހު ޕެރިސިޗް ވަނީ އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ މެޗުގެ ނަތިޖާ ކްރޮއޭޝިއާއަށް ހަމަހަމަކޮށްދީފައެވެ.

ކްރޮއޭޝިއާއިން ލަނޑު ޖެހިފަހުންވެސް އެޓީމުންވަނީ އިންގްލެންޑްގެ ގޯލަށް ނުރައްކާކޮށްފައެވެ. ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އިންގްލެންޑްގެ ކީޕަރ ޖޯޑަން ޕިކްފޯޑެވެ. މި މެޗުގެ ނުވަދިހަ މިނެޓުގެ ކުޅުން ނިމުނުއިރު އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށްޓަކައި ތިރީސް މިނެޓުގެ ދެ ހާފް ކުޅެން ޖެހުނެވެ. ކްރޮއޭޝިއާގެ ތާރީހީ ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޖެހީ ފޯވާޑް މާރިއޯ މަންޒުކިޗެވެ.

މި ނަތީޖާއާއެކު އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ކްރޮއޭޝިއާ ނުކުންނަން ޖެހޭނީ ފްރާންސާ ދެކޮޅަށެވެ. އަދި ތިންވަނަ ހޮވާ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ އިންގްލެންޑް ނުކުންނާނީ ބެލްޖިއަމް އާއި ދެކޮޅަށެވެ.