ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރުކުރިއިރު 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުން ބަލިވެ، އިހުސާސްވި ތަދު ފްރާންސްގެ ކުޅުންތެރިންގެ ކިބައިން އަދި ނުފިލާ ކަމަށް ކޯޗު ޑިޑިއޭ ޑެޝޯން ބުނެފިއެވެ.
ބެލްޖިއަމް 1-0 ން ބަލިކޮށް، ފައިނަލަށް ދިޔަ ފްރާންސް އަންނަ އާދީއްދަ ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި ބައްދަލުކުރާނީ ސެމީގެ ފަހު މެޗުގައި މިރޭ އިނގިރޭސިންނާއި ކްރޮއޭޝިޔާ ކުޅެ މޮޅުވާ ޓީމަކާއެވެ.
"އަހަރުމެންގެ ހިތްތަކަށް ވަނީ ވަރަށް ބޮޑަށް ތަދުވެފައި. އެއީ ޔޫރޯ ފައިނަލްގައި ބަލިވުމުން. އެ ތަދު އަދި ނުފިލާ. މިއީ އެތަދުތައް ފިލުވާލަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް،" ކޯޗު ޑެޝޯން މެޗަށް ފަހު ބުންޏެވެ.
އޭނާ ބުނީ ކުޅުންތެރިންނާމެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށާއި، ބެލްޖިއަމާ ދެކޮޅަށް ފްރާންސް ދެއްކީ ތައުރީފް ހައްޤު ކުޅުމެއް ކަމަށެވެ.
މި މެޗުގައި ފޯވަޑް އޮލީވިއާ ޖީރޫޑް އަތުން ގިނަ ފުރުސަތުތަކެއް ބޭކާރުވި ނަމަވެސް މެޗަށް ފަހު އޭނާ އެކަމަށް އިންކާރު ކުރިއެވެ.
"ނޫން. އަހަރެން އަތުން އެހާ ގިނަ ފުރުސަތެއް ބޭކާރެއްނުވޭ. އަހަރެން މަސައްކަތް ކުރީ ޓީމަށް އެހީވާން. އެކަން ކުރެވިއްޖެ. އަދި އަހަރުމެން މިތިބީ ފައިނަލަށް ގޮސްފައި. އެއީ އެންމެ މުހިންމު ކަންތައް. އެކަން ކުރެވިއްޖެ،" ޖީރޫޑް ބުންޏެވެ.
މިއީ 1998ގައި އަމިއްލަ ޤައުމުގައި ބޭއްވި ވަރލްޑް ކަޕް ކާމިޔާބު ކުރި ފަހުން ފްރާންސް ވަރލްޑް ކަޕް ފައިނަލަށް ދިޔަ ދެ ވަނަ ފަހަރެވެ. އެންމެ ފަހުން ފްރާންސް ފައިނަލުގައި ބަލިވީ 2006 ވަނަ އަހަރު އިޓަލީ އަތުންނެވެ.
"ފައިނަލްތައް ކުޅެނީ މޮޅުވާން. މިފަހަރު އަހަރުމެންނަށް އެކަން ކުރެވޭނެ. ޓީމުގައި އެހިތްވަރު އެބަހުރި. އަހަރުމެން ތިބީ އެކަން ކުރަން ތައްޔާރަށް،" ޑެޝޯން ބުންޏެވެ.
ތަށި ލިބިއްޖެނަމަ ޑެޝޯން ވެގެންދާނީ ޖަރުމަނުގެ ފްރާންޒް ބެކެމްބާއަށް ފަހު ކެޕްޓަނެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުގައި ވަރލްޑް ކަޕް ކާމިޔާބުކުރާ ފުރަތަމަ މީހާ އަށެވެ.