ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނުދެވި ރޭ ބްލެޖިއަމް މުބާރާތުން ކެޓީ ފްރާންސްގެ ހިލޭޖެހުންތަކަށް ފަރުވާ ކުޑަކުރެވުމުން ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
ފްރާންސް އަތުން 1-0 ން ބެލްޖިއަމް ބަލިވީ ނެގި ނޯރަކުން ޑިފެންޑަރު ސެމިއުލް އުމްޓީޓީ ޖެހި ގޯލުންނެވެ.
"މިކަހަލަ ވާދަވެރި އަދި އެއްވަރެއްގެ ދެ ޓީމު ކުޅޭއިރު އަބަދުވެސް މެޗު އެނބުރިގެންދާނީ ސެޓްޕީސްތަކުން. (ޖެހުންތަކުން). އަހަރުމެންނަށް މި މެޗުގައި އެކަމަށް ފަރުވާތެރި ނުވެވުނީ. އެއީ މެޗު ގެއްލުނު އެންމެ މުހިންމު ސަބަބު،" މެޗަށް ފަހު މާޓިނޭޒް ބުންޏެވެ.
ބެލްޖިއަމްގެ ރަންޖީލުގެ ކުޅުންތެރިންނަށް ވަރލްޑް ކަޕް ކާމިޔާބު ކުރަން ލިބުނު ފުރަސަތު ބަންދުވީތޯ އެހުމުން މާޓިނޭޒް ބުނީ ޓީމުގައި ޒުވާން އަދި ތަޖުރިބާކާރު ބައިވަރު ކުޅުންތެރިންގެ ކުރިމަގާމެދު އެއްވެސް އެއްޗެއް ބުނަން އޭނާ ބޭނުން ނުވާ ކަމަށެވެ.
"ކުޅުންތެރިންގެ ކުރިމަގު ނިންމާނީ އެމީހުން. އެކަމަކު މި ޓީމުގައި ހުނަރުވެރި ޒުވާން ކުޅުންތެރިން ބައިވަރު. ބެލްޖިއަމްގެ ފުޓްބޯޅައިގެ މުސްތަޤްބަލް އޮތީ އުޖާލާކޮށް،" ކޯޗު ބުންޏެވެ.
ބެލްޖިއަމް އަކީ މުބާރާތުގެ ސެމީ ފައިނަލަށް ބްރެޒިލް ބަލިކޮށް، ދަތުރުކުރި ޓީމެކެވެ. އަދި މުބާރާތަށް އެންމެ ގިނަ ތަރިންނާއެކު އައި އެއް ޓީމަކީ ވެސް ބެލްޖިއަމްއެވެ.