ކުޅިވަރު

ނިލަންދޫން ވިކްޓްރީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި


ދިރާގު ދިވެހި ލީގުގައި ފ.ނިލަންދޫން ވިކްޓްރީ މޮޅުވިޔަނުދީ ހިފަހައްޓާއި، ލީގުގައި ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ފ.ނިލަންދޫ ބައްދަލުކުރި މެޗު ނިމުނީ ދެޓީމުންކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިފައިވަނީ ވަރަށް މަދުންނެވެ. މިގޮތުން ފުރަތަމަ ހާފްގެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ނިލަންދޫ ޓީމަށެވެ. ނިލަންދޫ ޓީމުގެ އާދިލް އަލީ ވިކްޓްރީ އޭރިއާތެރެއަށް ވަދެ ހުސްކޮށް ހުރެ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ކީޕަރާއި ދިމާލަށެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ދެޓީމުންވެސް ވަނީ ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މިގޮތުން ވިކްޓްރީގެ ބަދަލުކުޅުންތެރިއާ އަހުމަދު ނާޝިދް ކުޅެން އަރާ ކުރިއަށް ފޮނުވާލި ދެ ހަމަލާ ދިޔައީ ގޯލާ ސީދާނުވެ ބޭރަށެވެ. އެހެންނަމަވެސް އެންމެ ނުރައްކާތެރި އެޓޭކްތައްކޮށްފައިވަނީ ކައުންޓަރ އެޓޭކްގައި ކުޅެމުންދިޔަ ނިލަންދޫ ޓީމުންނެވެ. މިގޮތުން މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދި އާދިލް އަލީއަށް ވަނީ ދެވަނަ ހާފްގައިވެސް ރަނގަޅު ފުރުސަތެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ.

މެޗަށްފަހު ނިލަންދޫ ޓީމުގެ މެނޭޖަރު އަބްދުލް ހަލީމް ހަމީދް ބުނީ ޕޮއިންޓެއް ހޯދައިގެން މެޗު ނިންމާލީ ނިލަންދޫ ޓީމުން ވަރަށް މޮޅަށް ކުޅެފައިކަމަށެވެ.

"ވަރަށް މޮޅަށް ކުޅެ ރާއްޖޭގެ ފޮޓްބޯޅައިގައި ބޮޑު ތާރީހެއް އޮތް އެންމެ ކާމިޔާބުއެއް ޓީމު އަތުން ޕޮއިންޓެއް ހޯދައިގެން ޓީމު މިފޭބީ. މިމެޗުގައި ވިކްޓްރީއަށްވުރެ މާމޮޅަށް ނިލަންދޫ ޓީމު ކުޅުނު." ހަލީމް ބުންޏެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗު ލާޒްލޯ ކިސް ބުނީ މެޗުގައި ޓީމުގެ މެދުތެރެއާއި އެޓޭކް އެހާ ރަނގަޅު ނޫންކަމަށެވެ.

"އެޓޭކާއި ޑިފެންސްގައި ކަމެއް ނެތުމުން ބަލިވީ." ކިސް ބުންޏެވެ.

މިމެޗުން ލިބުނު ޕޮއިންޓާއެކު ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެން ލީގުގެ ހަތަރު ވަނާގައެވެ.

ލީގުގައި ކުޅުނު ތިން މެޗުން ހޯދި ހަމައެކަނި ޕޮއިންޓާއެކު ނިލަންދޫ އޮތީ ލީގުގެ އެންމެ ފުލުގައެވެ. ފުލުގައި އޮތް ތިން ޓީމަށްވެސް އެއް ޕޮއިންޓް ލިބިފައިވާއިރު ނިލިންދޫ ދިހަ ވަނާގައި އޮތީ ބައިކޮޅަށް ވަތް ގޯލްގެ ތަފާތަށް ބަލައިގެންނެވެ.