ކުޅިވަރު

އުމްޓިޓީގެ ގޯލުން ބެލްޖިއަމް ބަލިކޮށް ފްރާންސް ފައިނަލަށް


ސެމިއުލް އުމްޓިޓީ ޖަހައިދިން ގޯލުން ބެލްޖިއަމް ބަލިކޮށް ފްރާންސް ވޯލްޑްކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ ބެލްޖިއަމް އަތުން ފްރާންސް މޮޅުވީ އެކެއް ސުމަކުންނެވެ.

ވާދަވެރި އަވައްޓެރި ދެ ގައުމުގެ ސެމީ ފައިނަލް މެޗުގައި ދެ ޓީމަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ. ފުރަތަމަ ހާފުގައި ފްރާންސްގެ އޮލިވިއޭ ޖިރޫ އަދި ޕަވާޑަށް ލިބުނު ހުސް ދެ ފުރުސަތެއް ލިބުނެވެ. އަދި ބެލްޖިއަމްގެ އަލްޑެވެރިލްޑް ފޮނުވާލި ބޯޅަ ކީޕަރު ޔޮރިސް ދިފާއުކުރިއެވެ.

ފްރާންސުން ގޯލް ޖެހީ ދެވަނަ ހާފުގެ ހަވަނަ މިނެޓުގައެވެ. ގްރީޒްމަން ނަގައިދިން ކޯނަރު ގޯލްގެ ތެރެއަށް ވައްދާލީ ޑިފެންޑާރ ސެމިއުލް އުމްޓިޓީއެވެ. ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފެއްދޭތޯ ބެލްޖިއަމުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެކަމަކު ފްރާންސްގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މި މެޗުގައި ފޯވާޑް ކިލިއަން އެމްބާޕޭ، އޮންޓުއާން ގްރީޒްމަން އަދި ޑިފެންޑަރ ރަފައެލް ވަރާން މޮޅު ކުޅުމެއް ދެއްކިއެވެ.

މިއީ 24 މެޗަށްފަހު ބެލްޖިއަމް ބަލިވި ފުރަތަމަ މެޗެވެ. އަދި މި މޮޅާއިއެކު 20 އަހަރަށްފަހު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދުމުގެ ފުރުސަތު ފްރާންސުންވަނީ ހޯދާފައެވެ. އަދި ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި ވޯލްޑްކަޕްގެ ތަށި އުފުލާލާ ތިންވަނަ މީހާއަށްވުމުގެ ފުރުސަތުވެސް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްވަނީ ހޯދާފައެވެ. ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި ވޯލްޑްކަޕްގެ ތަށި އުފުލާލާފައިވަނީ ބްރެޒިލްގެ މާރިއޯ ޒަގާލޯ އަދި ޖަރުމަނުގެ ފްރެންޒް ބެކެންބާއެވެ.