ފްރާންސްއަކީ ރަނގަޅު ބެލެންސްއެއް އޮތް މޮޅު ޓީމެއް ކަމަށާއި، މިރޭގެ މެޗަކީ ފޯރިގަދަ މޮޅު މެޗަކަށް ވާނެ ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
ވަރލްޑް ކަޕް ސެމީފައިނަލްގައި މިރޭ ފްރާންސް އާއި ވާދަކުރާ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން މާޓިނޭޒް ބުނީ ފްރާންސް ޓީމަކީ ރަނގަޅު ކޮންބިނޭޝަން ތަކެއްގެ މައްޗަށް ބިނާވެފައިވާ ޓީމެއް ކަމަށެވެ. އެގޮތުން އެޓޭކްގައި ޖިރޫ އާއި ގްރީޒްމަން އާއި އެމްބާޕޭ އަދި މެދުތެރޭގައި ކަންޓޭ އާއި މަޓުއިޑީ ފާހަގަކުރަމުން މާޓިނޭޒް ބުނީ ފްރާންސްގައި ތިބީ ތަފާތު މޮޅު ކުޅުންތެރިންތަކެއް ކަމަށެވެ.
މިފަހަރުގެ ވަރލްޑްކަޕްގައި މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައިވާ ބެލްޖިއަމް ޓީމުގެ ކުޅުންތެރިން ވަނީ އެކުޅުންތެރިން މުބާރާތުގެ ސެމީފައިނަލްގައި ކުޅުންޖެހޭކަން ދުނިޔެއަށް ސާބިތުކޮށްދީފައި ކަމަށްވެސް މާޓިނޭޒް ބުންޏެވެ. އަދި ބެލްޖިއަމް ޓީމުގައި މިހާރު މަދުވަނީ މިފަދަ މުބާރާތްތަކުގެ ތަޖްރިބާ އާއި ތާރީޙް ކަމަށާއި، ތިއެރީ އޮންރީ އެބައި ޓީމަށް ގެނެސްދޭ ކަމަށެވެ.
ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރާ ސެމީފައިނަލްގެ ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން އެގާރަ ޖަހާއިރުއެވެ.