އުރުގުއާއީ ބަލިކޮށް ފްރާންސް ވޯލްޑްކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާރ ފައިނަލް ފުރަތަމަ މެޗުގައި މިރޭ އުރުގުއާއީގެ މައްޗަށް ފްރާންސް ކުރި ހޯދީ ދޭއް ސުމަކުންނެވެ.
މެޗުގައި ފްރާންސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ރަފައެލް ވަރާނެވެ. އޭނާ މި ލަނޑު ޖެހީ އޮންޓުއާން ގްރީޒްމަން ނަގައިދިން ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މުހިންމު ފޯވާޑް އެޑިންސަން ކަވާނީއާއި ނުލައި ކުޅުނު އުރުގުއާއީ ކޮޅަށް ފްރާންސްގެ ދެވަނަ ލަނޑު ޖަހައިދިނީ އޮންޓުއާން ގްރީޒަމަނެވެ. މި ލަނޑުވަނީ ކީޕަރު މުސްލެރާގެ އަތުގައި ޖެހިފައެވެ.
މި މޮޅަކީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއްގައި ފްރާންސުން އުރުގުއާއީގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން މި ދެޓީމް ވާދަކުރި ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވިއިރު، އަނެއް މެޗުން މޮޅުވީ އުރުގުއާއީއެވެ.
ފްރާންސުންވަނީ މި މޮޅާއިއެކު ދެކުނު އެމެރިކާ ޓީމްތަކާއި ދެކޮޅަށް ވޯލްޑްކަޕްގައި އެންމެ ފަހުން ކުޅުނު 10 މެޗުވެސް ކާމިޔާބުކޮށްފައެވެ.
ފްރާންސް ސެމީ ފައިނަލްގައި ނިކުންނާނީ ބްރެޒިލް އަދި ބެލްޖިއަމް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.