ކުޅިވަރު

ނޭމާ އެކްޓްކޮށްފިނަމަ ކޮމްޕެނީ ހަދާނީ ކިހިނެތް؟


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލްގެ ނޭމާގެ އެކްޓްތައް ކުޅުންތެރިންނަށް ކުރިމަތިވާ ސުވާލަކަށް ވެސް ވެއްޖެއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި މާދަމާ ރޭ ބެލްޖިއަމް އާއި ބްރެޒިލް ކުޅޭ މެޗުގެ ކުރިން މި ސުވާލު އަމާޒުވީ ބްލެޖިއަމްގެ އެންމެ އިތުބާރު ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ އަށެވެ. އޭނާއާ މި ސުވާލުކުރީ ޕްރެސް ކޮންފަރެންސްގައި ބްރެޒިލްގެ ނޫސްވެރިއެކެވެ.

"ނޭމާ ކަލޑޭ ކުރިމަތީގައި (ކަމެއްނުވަސްނީ އަނިޔާވިކަމަށް ހަދައިގެން އުޅުން) ފަދަ ގޮތަށް އެކްޓްކޮށްފިނަމަ ކިހިނެތް ކަލޭ ހަދާނީ،" ނޫސްވެރިޔާ ސުވާލުކުރި އެވެ.

"ކަލޭ ބުނެބަލަ ކަލޭ ހަދާނެ ގޮތެއް. އަހަންނަށް ހީވަނީ ކަލޭ މާބޮޑަށް ޖެހިލުންވޭހެން ޖަވާބުދޭނެ. ކަލޭތީ ބްރެޒިލްގެ ނޫސްވެރިއެއްނު. އަހަރެން އެކަމާ އަޅައެއްނުލާނަން. މެޗެއް އެންމެ މީހެއްގެ ހުނަރުން ނިމޭނަމަ (ނޭމާގެ ސަބަބުން) އަހަރުމެންނަށް ފުރުސަތެއްނެތް. އަހަރުމެން ޓީމެއްގެ ގޮތުގައި އެކަކު އަނެކަކަށްޓަކައި ކުޅެފިނަމަ އަހަރުމެންނަށް މެޗު ކާމިޔާބު ކުރެވޭނެ،" ކޮމްޕެނީ ބުންޏެވެ.

އޭނާ ބުނީ ބްރެޒިލާ ކުޅެން ޖެހުމަކީ އެއްވެސް ކުޅުންތެރިއަކި ނިދި ނަގާލާނެ ކަމެއްނޫން ކަމަށެވެ.

"ބްރެޒިލް ޓީމަކީ މިމުބާރާތުގެ އެންމެ ވަރުގަދަ ޓީމު. އެމީހުންގެ ޑިފެންސް ވަރަށް ވަރުގަދަ. އަދި އިންޑިވިޖުއަލީ އެންމެ މޮޅު ޓީމަކީ ވެސް އެމީހުން. އެކަމަކު އެއީ އަހަރުމެން ހާސްވާންވީ ކަމެއްނޫން. އަހަންނަކަށް ހިއެއްނުވޭ އަހަރުމެން ބަލިވީ ބްރެޒިލް އަތުންނޭ ބުނެ އެކަކު ވެސް އަތްއުރާލާނެ ހެން،" މެންޗެސްޓާ ސިޓީގެ ކެޕްޓަން ބުންޏެވެ.

އޭނާ ބުނީ މިއީ ރީތި މޮޅު ފުޓްބޯޅަ މެޗެއް ފެންނާނެ މެޗެއް ކަމަށް ގިނަ ބަޔަކު އުއްމީދު ކުރާ ކަމަށެވެ.