ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން ޖަޕާނުގެ މައްޗަށް ބެލްޖިއަމް ރޭ 3-2 ން މޮޅުވި މެޗަކީ ޖަޕާނަށް ލިބުނު ޝޮކެއް ބޮޑެއް ކަމަށާއި، ހުރިހާ އެންމެންވެސް ތިބީ ބަސް ހުއްޓިފައި ކަމަށް އެ ޓީމުގެ ކޯޗު އަކީރާ ނިޝީނޯ ބުނެފިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ ޖަޕާނުން ދެ ގޯލުގެ ލީޑެއް ނެގުމާއެކު ކުޅުންތެރިން ބަދަލުނުކޮށް ބޭނުންވީ ތިން ވަނަ ގޯލެއް ޖަހަން ކަމަށެވެ.
"އަހަރުމެން ފެށީ ވަރަށް ރަނގަޅަށް. އެންމެ ފަހު ވަގުތު އެވަން ގޯލަކީ އެއްވެސް ވަރަކަށް ހީނުކުރާ ގޯލެއް،" ކޯޗު ބުންޏެވެ.
މެޗަށް ފަހު ޖޕާނުގެ ކުޅުންތެރިން ތިބީ ދަނޑުމަތީގައި އޮށޯވެގެންނެވެ. އަދި ޗޭންޖިން ރޫމަށް ދިއުމަށް ފަހު އެކަކު އަނެކަކަށް ބަލާވެސް ނުލައި ހުއްޓިފައި ކުޅުންތެރިން ތިބީ އެވެ.
"މިއީ ވަރަށް ބޮޑު ޝޮކެއް. އެކަކު ވެސް ހީނުކުރާ މިހެން ވެދާނެ ކަމަށް. ކުޅުންތެރިން ޗޭންޖިން ރޫމުގައި ތިބީ ހުއްޓިފައި. އެކަކު ވެސް އަނގަޔަކުން ނުބުނޭ. އެމީހުން ގާތުގައި ފެންވަރަން ބުނީ ވެސް އަހަރެން. ޓީމާ ވާހަކަ ދައްކަން އަހަރެން ނިންމީ ހޮޓަލަށް ގޮސް،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ކައުންޓަރ އެޓޭކުގައި އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ބެލްޖިއަމުން ތިން ވަނަ ލަނޑު ޖެހިއިރު އެފަދަ ގޮތަކަށް ގޯލެއް ޖަހާފާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.
"އަހަރެން ނިންމައިގެން ހުރީ މެޗު ދާނީ އިތުރު ވަގުތަށް (15 މިނިޓްގެ ދެ ހާފަށް) ކަމަށް. އެކަމަކު ހިލޭ ޖެހުމުން އެ ޖެހި ގޯލަކީ އަހަރެން ހީވެސްނުކުރާ ބޯޅައެއް،" ކޯޗު ބުންޏެވެ.
ޖަޕާން ވަނީ 2002 އާއި 2010 އަދި މިފަހަރު ވެސް ދެ ވަނަ ބުރުން މުބާރާތުން ކަޓާފަ އެވެ. އެހެން ވޯލްޑް ކަޕުގައި އެމީހުން މުބާރާތާ ވަކިވާން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ.