ކުޅިވަރު

ތަފާތު ދައްކާނީ މެސީ، ފްރާންސަށް ބަހަނާއެއްނެތް: ޑެޝޯން


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު ބަލިވެގެން ދެއްކޭނެ ބަހަނާއެއްނެތް ކަމަށާއި އާޖެންޓީނާ ޓީމުން ތަފާތު ދައްކާނީ ލަޔޮނަލް މެސީ ކަމަށް ފްރާންސުން ބުނެފި އެވެ.
އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވި އިރު ވެސް ޓީމުގެ ކޯޗަކަށް ހުރި ކުރީގެ ކެޕްޓަން ޑިޑިއޭ ޑެޝޯން ބުނީ އާޖެންޓީނާ އަކީ ވަރަށް ތަޖުރިބާކާރު ޓީމެއް ކަމަށެވެ.

"މެސީ އަކީ މެސީ. އޭނާ ތަފާތު ދައްކާނެ. ކިތަންމެ ހަނި ފުރުސަތަކުން ވެސް އޭނާ މެޗު ބަދަލުކޮށްލާނެ. އެހެންވީމަ ވަރަށް ފަރުވާތެރިވާންޖެހޭނެ. އާޖެންޓީނާ ޓީމަކީ ވަރަށް ތަޖުރިބާކާރު ޓީމެއް. ބަލާ (މިޑްފީލްޑަރު ހާވިއާ) މަޝެރާނޯ އެވަނީ ގައުމީ ޓީމަށް 150 މެޗު ކުޅެފަ. އަނެއްކާ އޭނާ މި ކުޅެނީ ވޯލްޑް ކަޕުގައި. އަހަރުމެންގެ ޓީމަކީ ވަރަށް ޒުވާން ޓީމެއް. އެކަމަކު އޭގެ މާނައަކީ އަހަރުމެންނަށް ވާދަނުކުރެވުމެއްނޫން. އަހަރުމެންނަށް ބަހަނާއެއްވެސް ވަގުތެއް ވެސްނެތް. މިއީ ނަތީޖާ ނެރެންޖެހޭ މެޗެއް،" ކޯޗު ބުންޏެވެ.

މި މެޗުން ބަލިވެއްޖެނަމަ ޑެޝޯންގެ މަގާމު ވެސް ނުރައްކަލުގެ ތެރެއަށް ދާނެ އެވެ. ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ފަހަރު ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ޒައިނުއްދީން ޒިދާން މިހާރު ވެސް ހުރީ ގައުމީ ޓީމާ ހަވާލުވާން ތައްޔާރަށް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. މިހެންވެ އެންމެ ދަށްވެގެން ޑެޝޯން ފްރާންސް ގޮވައިގެން ސެމީ ފައިނަލް ކުޅެން ޖެހެ އެވެ.
އޭނާ ބުނީ ފްރާންސްގެ ކުޅުންތެރިންގެ ތެރެއިން ފޯވަޑް އެންޓޯނިއޯ ގްރިއެޒްމަން މިހާރަށްވުރެ މޮޅަށް ކުޅެންޖެހޭ ކަމަށެވެ.
އަދި ޓީމުގެ ކެޕްޓަން ހޫގޯ ލޮރިސް ބުނީ ފޯވަޑް ކާލިއަން އެމްބާޕޭ ވެސް މޮޅަށް ކުޅެން ޖެހޭ ކަމަށާއި މުޅި ޓީމު އެއްވަރަކަށް މޮޅަށް ކުޅެގެން ނޫނީ ކާމިޔާބު ހޯދަން އުނދަގޫވާނެ ކަމަށެވެ.