ފީފާ ވޯލްޑްކަޕްގެ މެޗުތައް ފޯކޭކޮށްދެއްކުމަށް ޕީއެސްއެމުން އުފެއްދި ޗެނަލް ޓީވީއެމް ފޯކޭ ޗެނަލް ރީ ބްރޯޑްކާސްޓްކުރުމުގެ އެއްބަސްވުމުގައި ދިރާގާއިއެކު ސޮއިކޮށްފިއެވެ.
ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީއެސްއެމްގެ ޑިރެކްޓަރ ފޯ މާކެޓިންގެ އެންޑް އީކޮމާސް އިބްރާހިމް ނަސްރީނެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ޗީފް މާކެޓިންގ އޮފިސަރ އަޙުމަދު މައުމޫނެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ ޑިރެކްޓަރ ފޯ މާކެޓިންގެ އެންޑް އީކޮމާސް އިބްރާހިމް ނަސްރީން ވިދާޅުވީ މިއީ ޓީވީއެމްގެ ބްރޯޑްކާސްޓިންގ ހަޔާތުގައި ފާހަގަކޮށްލެވޭ ދުވަހެއްކަމަށާއި، ދިރާގު ޓީވީ މެދުވެރިކޮށް ޓީވީއެމް ފޯކޭ ފޯމެޓުގައި ލޯންޗްކުރެވުމަކީ ދިވެހިންނަށް މުޅިން އައު ތަޖުރިބާއަކަށްވާނެކަމަށެވެ.
މި ޗެނަލް ރީ ބްރޯޑްކާސްޓްކުރުމަށް ހުޅުވާލި ފުރުސަތުގައި އަވަސް ޖަވާބެއް ދެއްވައި ދިރާގުން ބައިވެރިވުމުން އެކަން ނަސްރީން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަކީ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތައް ބަލައިގަންނަ ބައެއް. އެހެންކަމުން އެންމެ ކޮލިޓީކޮށް މެޗުތައް ބަލާލަން ބޭނުންވާނޭ. ޕީއެސްއެމްގެ ޓީވީއެމް ފޯކޭ ޗެނަލުން މިފަހަރުގެ ވޯލްޑްކަޕްގައި ދައްކާ ހުރިހާ ޔޫއެޗްޑީ މެޗުތައް ގެނެސްދޭނެ." ނަސްރީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކްޓިންގ ޗީފް މާކެޓިންގ އޮފިސަރ އަޙުމަދު މައުމޫން ވިދާޅުވީ ވޯލްޑްކަޕްގެ އެންމެ ފޯރިގަދަ މެޗުތައް އެންމެ ކޮލިޓީކޮށް ދިރާގުގެ ކަސްޓަމަރުންނަށްދެވުމަކީ ދިރާގަށް ލިބޭ ބޮޑު އުފަލެއްކަމަށެވެ. ފޯކޭ ކޮލިޓީގައި މެޗުތައް ދެއްކުމަކީ ދުނިޔޭގެ މަދު ގައުމެއްގައި މަދު ފަރާތްތަކަކުން ކުރާކަމެއްކަމަށާއި، ރާއްޖެފަދަ ކުޑަގައުމަކުން މިކަހަލަ ޚިދުމަތެއް ރައްޔިތުންނާއި ހަމައަށް ގެންދިޔުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިވާނެޖެހޭވަރުގެ ކަމެއްކަމަށެވެ.
"މި ކޮލިޓީގައި މެޗުތައް ދެއްކުމަކީ ދުނިޔޭގެ މަދު ގައުމުތަކަކުން ކުރާކަމެއް. އެހެންވީމާ މިއީ ދިވެހި މިދާއިރާއަށް ލިބޭ ބޮޑު ކުރިއެރުމެއް. ދިރާގު ޓީވީގެ ކަސްޓަމަރުންނަށް މި ޚިދުމަތް ލިބޭނީ އެއްވެސް އިތުރު ޗާޖަކާއި ނުލައި. ކުރިންވެސް ބޭނުންކުރަމުންއައި ސްޓާޓްއަޕް ބޮކްސް ބޭނުންކޮށްގެން މިކަން ކުރެވޭނެ" މައުމޫން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ ޓިވީއެމް ފޯކޭ ޗެނަލްގެ ޓެސްޓް ސިގްނަލް މިއަދުން ފެށިގެން ދިރާގު ޓީވީން ދޫކުރަމުން އަންނާނެކަމަށެވެ. އަދި މި ޚިދުމަތްވެސް ރައްޔިތުންނަށް އެއްވެސް ޚަރަދަކާއި ނުލައި ލިބޭނެކަން އިކްރާމް ފާހަގަކުރެއްވިއެވެ.
އިކްރާމް ވިދާޅުވީ ދިރާގު ޓީވީގެ ޚިދުމަތްދޫކުރުމަށް ބޭނުންކުރާ ޑީކޯޑަރ ބަދަލްކުރުމަކާއި ނުލައި އެއްވެސް އިތުރު ޗާޖެއް ނެގުމަކާއި ނުލައި މި ޚިދުމަތް ރައްޔިތުންނަށް ލިބޭނެކަމަށެވެ. އިކްރާމްވަނީ ރާއްޖޭގައި ރީބްރޯޑްކާސްޓިންގެ ޚިދުމަތްދޭ އޮޕަރޭޓަރުންވެސް ޕީއެސްއެމާއި ގުޅިގެން ކުރިއަށްދިޔުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި، އެފަރާތްތައް ޕިއެސްއެމާއެކު ކުރިއަށްދިޔުމަށް އެދިފައެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް ދިރާގާއި ގުޅިގެން މިކަން އިތުރަށް ތަރައްގީކުރުން. ރާއްޖޭގައި މިޚިދުމަތް ދެއްވާ އެހެން އޮޕަރޭޓަރުނަންވެސް ޕީއެސްއެމާއި ގުޅިގެން ކުރިއަށްދިޔުމުގެ ފުރުސަތު އެބައޮތް. އަޅުގަނޑު އުއްމީދުކުރަނީ ހުރިހާ ފަރާތްތަކުންވެސް އަޅުގަނޑުމެންނާއި ބައިވެރިވެ ވަޑާއިގަންނަވާނެކަމަށް" އިކްރާމް ވިދާޅުވިއެވެ.