ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުން އާޖެންޓީނާ ކެޓުން ހައްޤު ނޫން ކަމަށް ކެޕްޓަން ލަޔޮނަލް މެސީ ބުނެފިއެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުނުވެވި، ފަހު މެޗުގައި ނައިޖީރިއާ އަތުން މޮޅުވެގެން ދެ ވަނަ ބުރަށް ދިޔަ ޓީމުގެ ކެޕްޓަން ބުނީ އާޖެންޓީނާ މުބާރާތުގައި ކުރަން ޖެހިފައިވަނީ އުނދަގޫ ދަތުރެއް ކަމަށެވެ.
"އެކަމަކު އަހަރުމެން ދެއްކި ކުޅުމާއި އަހަރުމެން ކުރި މަސައްކަތަށް ބަލާއިރު އާޖެންޓީނާ ފުރަތަމަ ބުރުން ކެޓުމަކީ ހައްޤު މިންވަރެއްނޫން. ހުރިހާ ޓީމެއް ވެސް އަހަރުމެންނާ ދެކޮޅަށް ކުޅެނީ ވަރަށް ޑިފެންސިވްކޮށް،" މެސީ ބުންޏެވެ.
ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ ބުނީ ގްރޫޕްގެ ފަހު މެޗުގައި ނައިޖީރިއާއާ އަތުން މޮޅުވާން މަޖުބޫރުވިއިރު ވެސް އެއްވެސް ކުޅުންތެރިއަކު އުއްމީދު ދޫކޮށްނުލާ ކަމަށެވެ.
"އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަހަރުމެން ޤަބޫލުކުރީ އަހަރުމެންނަށް މެޗު ކާމިޔާބު ކުރެވޭނެ ކަމަށް. އެކަމަކު އެއީ އަހަރުމެން ހީކުރި ފަސޭހަ މެޗަކަށްނުވި. ވަރަށް ހަމަހަމަކޮށް ދެ ޓީމު ވެސް ކުޅުނީ. އަހަރުމެން ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ ވެސް،" މެސީ ބުންޏެވެ.
އޭނާ ބުނީ އާޖެންޓީނާގެ ރައްޔިތުން ޓީމާއެކު އަބަދުވެސް ތިބޭ ކަމަށާއި، މިހެންވެ ރަޝިޔާގައި ތިބި ސަޕޯޓަރުންނާއި އަމިއްލަ ޤައުމުގައި ތިބި ސަޕޯޓަރުންނަށް ވެސް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރާ ކަމަށެވެ.