ވޯލްޑްކަޕް ފެށެން އެންމެ ދުވަހަކަށްވެފައިވަނިކޮށް ސްޕެއިންގެ ޤައުމީ ޓީމްގެ ކޯޗު ޙޫލެން ލޮޕެތެގީ މަގާމުން ވަކިކޮށްފިއެވެ.
ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން ގައުމީ ކޯޗު ލޮޕެތެގީ މަގާމުން ވަކުކުރީ ޔޫރަޕްގެ ޗެމްޕިއަން ކުލަބު ރިއާލް މެޑްރިޑްގެ ކޯޗުކަމާއި އޭނާ ހަވާލްވިކަން ރޭ އެކުލަބުން އިއުލާންކުރުމުންނެވެ.
ސްޕެއިން ފުޓްބޯޅަ އިދާރާގެ ރައީސް ލުއިސް ރުބިއަލޭސް ވިދާޅުވީ މިހާތަނަށް ލޮޕެތެގީ ކުރި މަސައްކަތަށް އެސޯސިއޭޝަނުން އޭނާއަށް ޝުކުރު އަދާކުރާކަމަށާއި، ރިއާލް މެޑްރިޑާއިއެކު ލޮޕެތެގީއަށް ކާމިޔާބަށް އެދޭކަމަށެވެ. ރިއާލް މެޑްރިޑުން ކޯޗެއް ހޯދަން މަސައްކަތްކުރާކަންވެސް އެނގޭކަމަށާއި، އެކަހަލަ ވަރުގަދަ ކުލަބަކުން ބޭނުންވާނީ އެންމެ މޮޅު ކޯޗުކަންވެސް ގަބޫލުކުރާކަމަށް ރުބިއަލޭސް ވިދާޅުވިއެވެ.
މި ނިންމުމުގެ ސަބަބުން ޓީމަށް އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން ދެއްވަމުން ރުބިއަލޭސް ވިދާޅުވީ ސްޕެއިންގެ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވޯލްޑްކަޕް ކާމިޔާބުކުރުމުގެ އަޒުމުގައިކަމަށާއި، ކޯޗު ވަކިކުރި ކަމުގައިވިޔަސް ޓީމަށް މިކަމުގެ ނޭދެވޭ އަސަރެއް ނުކުރާނެކަމަށެވެ.
ބެލެވޭ ގޮތުގައި ކޯޗު ލޮޕެތެގީ މަގާމުން ވަކިކުރީ ސްޕެއިންގެ އެފްއޭއަށް ނޭނގި ރިއާލް މެޑްރިޑާއިއެކު މަޝްވަރާތައް ކުރިއަށްގެންގޮސް އެއްބަސްވުމަކަށް އައުމުންނެވެ.
ވޯލްޑްކަޕްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗު ފަށަން ބާކީ އޮތީ 48 ގަޑިއިރެވެ. ސްޕެއިން އެފްއޭއިން ބުނީ ވަރަށް އަވަހަށް ޓީމަށް ވޯލްޑްކަޕްގައި އިރުޝާދުދޭނެ މީހެއް ކަނޑައަޅާނެކަމަށެވެ. ބެލެވޭ ގޮތުގައި ވޯލްޑްކަޕުގައި ސްޕެއިންގެ ޓީމަށް އިރުޝާދު ދިނުމަށް އެފްއޭއިން މިހާރު ބޭނުންވަނީ އެގައުމުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކޯޗު އަލްބާޓް ސެލަޑޭސްއެވެ.
51 އަހަރުގެ ލޮޕެތެގީ ސްޕެއިންގެ ޓީމަށް އިރުޝާދުދިން 20 މެޗުންވެސް އެޓީމް ބަލިވެފައެއް ނުވެއެވެ. 2016ގެ ޔޫރޯއަށްފަހު ސްޕެއިންގެ ޓީމާއި ހަވާލްވި ލޮޕެތެގީވަނީ ދާދިފަހުން ގައުމީ ޓީމާއިއެކު ހަދާފައިވާ ކޮންޓްރެކްޓް 2020ގެ ނިޔަލަށް އައުކޮށްފައެވެ.
ރިއާލް މެޑްރިޑްގެ ކޯޗުކަމާއި ޚޫލެން ލޮޕެތެގީ ހަވާލްވިކަމުގައިވިޔަސް ވޯލްޑްކަޕް ނިމެންދެން އޭނާ ސްޕެއިނަށް އިރުޝާދުދޭނެކަމަށް ގިނަ ކުޅުންތެރިންތިބީ އުއްމީދުކޮށްގެންކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.