ކުޅިވަރު

ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖާއެކު، މެޗުތައް ހިލޭ ބެލުމުގެ ފުރުޞަތު އުރީދޫން ފަހިކޮށްދީފި


ވަރލްޑްކަޕްގެ ހުރިހާ މެޗުތަކާއި، ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖް ރާއްޖޭގެ ކޮންމެ ހިސާބަކުން ކޮންމެ ވަގުތަކު އެއްވެސް ޑޭޓާ ޗާޖަކާ ނުލާ (ހިލޭ) ބެލޭނެގޮތް އުރީދޫއިން ފަހިކޮށްދީފިއެވެ.

މައި އޫރީދޫ އެޕް މެދުވެރިކޮށް ސަބްސްކްރައިބް ކުރައްވައިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދޭ މި ހިދުމަތް އުރީދޫއިން ތައާރަފްކުރީ އުރީދޫއިން ވަރލްކަޕާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައެވެ. އުރީދޫއިން މައުލޫމާތު ދެއްވި ގޮތުގައި، ވޯލްޑްކަޕްގެ 64 މެޗު މޯބައިލް މެދުވެރިކޮށް ބެލުމުގެ ފުރުސަތު ލިއްބައިދޭ މި ހިދުމަތުގެ ސަބްސްކްރިބްޝަން ކުރިއަށް ގެންދާނީ ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށެވެ. އުރީދޫއިން ބުނީ 195 ރުފިޔާގެ ސަބްސްކްރިޕްޝަން ފީ އަކަށްފަހު ވާރލްޑްކަޕް ނިމެންދެން އުރީދޫގެ ނެޓްވޯކް ތަކުން ފްރީ އިންޓަރނެޓް މެދުވެރިކޮށް މުޅިން ހިލޭ ހުރިހާ މެޗްތަކެއް ބަލާލެވޭނެކަމަށެވެ. ހަމައެއާއެކު ޕީއެސްއެމްގެ ވޯލްޑްކަޕް ކަވަރޭޖްވެސް މި އެޕް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެކަމަށް އުރީދޫއިން މައުލޫމާތުދެއްވައެވެ.
އުރީދޫގެ ކޮންޓެންޓް ސާވިސްގެ އެސިސްޓެންޓް މެނޭޖަރ އަހްމަދު ނޫމާން ވިދާޅުވީ 30 ދުވަހުގެ މުއްދަތަށް އުރީދޫގެ ހުރިހާ ޗެނަލަކަށް ހިލޭ އެކްސެސް ވެވޭނެކަމަށެވެ. އަދި ގިނަ ބަޔަކު އެއްފަހަރާ އެޕް ދިމާކުރުމުގެ ސަބަބުން އެޕްއަށް އެއްވެސް މައްސަލައެއް ދިމާ ނުވާނެކަމުގެ ޔަގީންކަންވެސް ނޫމާންވަނީ ދެއްވާފައެވެ.

" 2018 ފީފާ ވޯލްޑްކަޕަށް އަޅުގަނޑުމެން ތައްޔާރުކޮށް، ހާއްސަކޮށްފަ މިއިން ޕެކޭޖަކީ 195 ރުފިޔާއަށް ކަސްޓަމަރ ސަބްސްކްރައިބް ކޮށްލެއްވީމަ އެބޭފުޅުން މެޗް ބައްލަވާލެއްވުމަށް ހިލޭ އިންޓަރނެޓް، އެއްވެސް ވަރަކަށް އިންޓަނެޓް ޗާޖެއް ނުކުރާނެ، 30 ދުވަހު ބޭނުން ވަގުތެއްގަ މެޗް އަންނަ ގަޑީގަ ހަމަ އެންޖޯއި ކޮށްލަންވީ" ނޫމާން ވިދާޅުވިއެވެ.

ހިލޭ ވަރލްޑްކަޕް ބެލުމުގެ ހިތްހަމަޖެހުމާއެކު އުރީދޫގެ ޕްރޮމޯޝަން މެދުވެރިކޮށް އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް އުރީދޫއިން ވަނީ ހުޅުވާލާފައެވެ. ފެންޓަސީ ލީގުގައި ބައިވެރިވެގެން އައިފޯން އެކްސް ހޯދުމުގެ ފުރުޞަތާއި، ޓްވިޓަރ މެދުވެރިކޮށް މޮޅުވާނެ ޓީމް އަދި ސްކޯ ދިމާ ކޮށްގެން ކޮންމެ މެޗަކުން ގުރުއަތުން ހޮވޭ ފަރާތަކަށް 5ޖީބީގެ ހިލޭ ޑޭޓާ ހޯދުމުގެ ފުރުޞަތުވެސް އުރީދޫން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުންވެސް ވަރލްޑްކަޕް ކުރިއަށްދާ ވަރަކަށް އާންމުންނަށް ބައިވެރިވެވޭ ގިނަ ހަރަކާތްތަކާއި ޕްރޮމޯޝަން ކުރިއަށްދާނެކަމަށްވެސް އުރީދޫއިން މައުލޫމާތުދެއްވައެވެ.

ޕީއެސްއެމްގެ އީ ކޮމާރސް އެންޑް މާކެޓިންގ ޑައިރެކްޓަރ އިބްރާހީމް ނަސްރީން ވިދާޅުވީ ޕީއެސްއެމްއާ ގުޅިގެން ވޯލްޑްކަޕްގެ ކަވަރޭޖް ކުރިއަށް ގެންދެވުމަށް އޫރީދޫއިން ނިންމި ނިންމުމަކީ ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖަށް ލިބުނު އިތުރު ފުރިހަމަ ކަމެއްކަމަށެވެ.
ޕީއެސްއެމްއާ އުރީދޫ ގުޅިގެން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވޯލްޑްކަޕްގެ މެޗްތައް ވަގުތުން ބަލާލެވޭނެ ގޮތް ހަމަޖައްސަވާނެ ކަމުގެ ޔަޤީންކަން ވެސް ނަސްރީން ވަނީ ދެއްވާފައެވެ. ހަމައެއާއެކު މާލޭގައި ތިބެގެން ޕީއެސްއެމްގެ ހާއްސަ ސްޓޫޑިއޯގައި ލޯކަލް އެނަލިސްޓުންނާއެކު ބައިވެރިވެ މެޗްތައް ބެލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ނަސްރީން ވިދާޅުވިއެވެ.

" އުރީދޫން މިއަދު މި ފަށަނީ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާތަކެއްވާނެ އަދި ރައްޔިތުން ވޯލްޑްކަޕާ ވަރަށް ބޮޑަށް ގުޅުވާލާނެ ވަރަށް ބައިވަރު ކަންތައްތަކެއް މީގަ ހިމެނޭނެ ކަމެއް. މިގޮތުން ހަމަ ލަކީޑްރޯސްތަކާ އެހެނިހެން ބެނެފިޓްސްތަކުގެ އިތުރުން އުރީދޫގެ ތެރެއިން އުރީދޫގެ ޕެކޭޖަސް ތަކާ އަދި ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ ސްޓޫޑިއޯގަ މެޗުތައް ބެލުމުގެ ފުރުސަތު އަޅުގަނޑުމެން ވަރަށް ބޮޑަށް ހުޅުވާލައިގެން މުޅި ސްޓޫޑިއޯ ތެރެއިން މެޗް ބެލުމުގެ ކަންތައްތައް އަޅުގަނޑުމެން މިދަނީ އޯގަނައިޒް ކުރަމުން، ވަރަށް ބޮޑަށް ލޯކަލައިޒް ކޮށްގެން ލޯކަލް ޓަޗް ހިމަނައިގެން ލޯކަލް އެނަލިސްޓުން ބޭނުންކޮށްގެން ދިވެހި ރަހަތަކާއެކުގަ އަޅުގަނޑުމެންގެ ޝޯ މިފަހަރު އަންނާނީ" ނަސްރީން ވިދާޅުވިއެވެ.