ވޯލްޑް ކަޕްގެ މެޗުތައް ދިރާގު ޓީވީ މެދުވެރިކޮށް ދެއްކުމާ ބެހޭގޮތުން ދިރާގާއި ޕީއެސްއެމްއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި.
އަންނަ ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑްކަޕްގެ މެޗުތައް ދިރާގު ޓީވީ މެދުވެރިކޮށް ދެއްކުމާބެހޭ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފެވެ. ދިރާގު ޓީވީގެ ފަރާތުން ސޮއިކުރެއްވީ ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އަޙްމަދު މައުމޫނެވެ.
މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލާއި ކުންފުނީގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ދެއްކެވި ވާހަކަފުޅުގައި ޕީއެސްއެމް އިން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކުގައި ދިރާގުން އަބަދުވެސް އެހީތެރިކަން ދެއްވާކަމަށާއި އަދި މިކަމުގައިވެސް ދިވެހި ރައްޔިތުންނަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ޕީއެސްއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވީތީ ދިރާގައް ޝުކުރު އަދާކުރެއްވިއެވެ. ޕީއެސްއެމްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް، ހުރިހާ ރައްޔިތުންނަށް އެއްވެސް ޚަރަދެއް ކުރުމަކާއި ނުލައި ހިލޭ މެޗުތައް ފެންނާނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ ވިދާޅުވިއެވެ. މިގޮތުން ދިރާގު ޓީވީއާ ގުޅުމުން އިތުރު ފަރާތްތަކަށް ފެނުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެކަމަށާއި އަދި ދިރާގު ޓީވީއަކީ އިތުރު އަގެއް ނެގުމަކާއި ނުލައި އަދި އިތުރު ބޮކްސްއެއް ވިއްކުމެއް ނެތި މިހާރުވެސް ބައެއް ޗެނަލްތައް ފޯކޭ ކޮލިޓީގައި ދެމުން އަންނަ ޚިދުމަތެއްކަން އިކްރާމް ފާހަގަ ކުރެއްވިއެވެ.
ބައެއް މީޑިއާތަކުން ކަމުގެ ހަގީގަތް އޮޅޭގޮތަށް ޚަބަރުތައް ފަތުރަމުންދިޔަ ނަމަވެސް ދިވެހި ރާއްޖޭގެ ސަރަހައްދަށް ވޯލްޑްކަޕް ދެއްކުމުގެ ލައިސަންސް ބްރޯޑް ކާސްޓަރަކީ ޕަބްލިކް ސަރވިސް މީޑިއާ ކަމަށާ ބައެއް ފަރާތްތަކުން ބްރޯޑްކާސްޓިންގ އާއި ރީ ބްރޯޑް ކާސްޓިންގ އޮޅުވާލަމުންދާތީ މިފަދަ ކަންކަން ބައެއް ފަރާތްތަކަށް އޮޅުން އަރަނީ ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.
ރާއްޖޭގައި ބްރޯޑްކާސްޓިންގް ލައިސަންސް އާއި ރީ ބްރޯޑްކާސްޓިންގް ލައިސަންސް އަކީ ޤާނޫނީ ދެ ލައިސަންސެއްކަން ފާހަގަކުރައްވާ އެކަން ރައްޔިތުންނަށް އޮޅޭގޮތަށް މީޑިއާތަކުން ރިޕޯޓު ނުކުރުމަށް އިކްރާމް އެދި ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް މާކެޓިންގް އޮފިސަރ އަޙްމަދު މައުމޫން ވިދާޅުވީ ވޯލްޑްކަޕްގެ ޝޯތައް ދިވެހިންނަށް އެންމެ ކަމުދާތަށް، ދިވެހިން އެންމެ ގަޔާވާގޮތަށް
އަބަދުވެސް ގެނެސްދެމުންދަނީ ދައުލަތުގެ މީޑިއާއިން ކަމަށާ އެހެންކަމުން މިކަމުގައި ދިރާގުން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ދިރާގުން ދެކޭ ކަމަށް ވިދާޅުވިއެވެ. އަދި ކަސްޓަމަރުންނަށް މިފަދަ ބޮޑު އިވެންޓެއް ފުރިހަމަކޮށް ގެނެސްދިނުމާއި ޕްރޮމޯޓް ކުރުމުގައި ދިރާގުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް މައުމޫން ވިދާޅުވިއެވެ.
ވޯލްޑްކަޕުގެ މެޗުތައް ހައިޑެފިނީޝަންކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ޕީއެސްއެމް އިން މިހާރު ވަނީ ޓީވީ މޯލްޑިވްސް އާއި ޔެސް ޓީވީގެ ހައި ޑެފިނީޝަން ސިގްނަލް މުޅި ރާއްޖެއަށް ފޯރުކޮށްދީފައެވެ. އެހެންކަމުން މި ސިގްނަލްގެ ބޭނުން ހިތްޕަވައިގެން ހައިޑެފިނީޝަންކޮށް ރާއްޖޭގެ ރައްޔިތުންނަށް ވޯލްޑްކަޕްގެ މެޗުތައް ފެންނާނެ އިންތިޒާމް ކޮންމެ ކޭބަލްޓީވީ އޮޕަރޭޓަރަކަށްވެސް މިހާރު ފަހިކުރެވޭނެ މަގު ތަނަވަސް ކޮށްދީފައިވާނެކަމަށާއި އަދި މިކަމަށް އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެކަމަށް ޕީއެސްއެމް އިން ދަނީ ތަކުރާރުކޮށް ހާމަކުރަމުންނެވެ.
ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖުގައި ކޮންމެ ދުވަހަކުވެސް ދަނީ ވަރލްޑްކަޕްގެ މުޙިއްމު މައުލޫމާތުތަކާއި، ކުޅުންތެރިންގެ ވާހަކަތައް ގެނެސްދެމުންނެވެ. އަދި މީގެ އިތުރުން ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު މުބާރާތުގެ މައުލޫމާތުތައް ހިމެނޭ ޕްރޮގްރާމްތައްވެސް ޕީއެސްއެމްގެ ޗެނަލްތަކުން އަންނަނީ ގެނެސްދެމުންނެވެ.