ވޯލްޑް ކަޕް ކުޅުމުގެ ނަސީބު ލިބިފައި ނެތް އެތައް ބަޔަކަށް ހިނިތުންވުން ގެނުވައިދެމުން މުޅި ދުނިޔޭގައި ބުރަޖަހަމުން އެހެރަދަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ރަން ތަށްޓެވެ. ނުވަތަ ފީފާ ވޯލްޑް ކަޕް ޓްރޮފީއެވެ.
އިނގިރޭސި ފަސްގަނޑުން ލަންކާ ހުރަސްކޮށް ރާއްޖެ ހެއްވާލުމަށްފަހު މި ތަށި މިހާރުވަނީ އެފްރިކާއަށް އަލްވަދާއު ކިޔާފައެވެ. އެފްރިކާ ބައްރުގެ 11 ޤައުމަކަށް ދުނިޔޭގެ ރަން ތަށި ގެންދެވުނުއިރު މި ފަހަރުގެ ވޯލްޑް ކަޕު ކުޅުމުގެ ނަސީބު ނެތް އެތައް ޤައުމެއްގެ ކުދިބޮޑު އެންމެން ވަނީ މި ތަށްޓާއެކު ފޮޓޯނަގައި އުފާފާޅުކޮށްފައެވެ. އެފްރިކާއިން ވޯލްޑް ކަޕް ތަށި ފުރަތަމަ ގެންދިޔައީ ފެބްރުއަރީ 22 ގައި ސޫދާނަށެވެ. އެއަށްފަހު އިތިއޯޕިއާގެ ސްކޫލްތަކުން ކެންޔާގެ ނައިރޯބީގައި ތަށި ދައްކާލީ ހަވާއެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކުއެވެ.
އެއަށްފަހު މޮޒަންބީކުގެ 1500 މީހުން ތަށްޓާއެކު ފޮޓޯނަގުމަށްފަހު މި ތަށި ގެންދެވުނީ 2010 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވި ދެކުނު އެފްރިކާގެ ކޭޕްޓައުނަށެވެ. އެއަށްފަހު ޔުގެންޑާގެ ރިއާސީ ގަނޑުވަރުގައި ރައީސް މުސެވީނީ އެތައް ފަންނާނުންނަކާއެކު ތަށި އުފުލާލެއްވުމަށްފަހު އެ ޤައުމުގެ ކޮކާކޯލާ އުފައްދާ ފެކްޓަރީއަށް ތަށި ގެންދެވުނެވެ. އެތަނުގެ މުވައްޒަފުން ވޯލްޑް ކަޕަށް މަރުހަބާކީ ޤައުމީ ޖާޒީގައި ތިބެގެންނެވެ. އެއަށްފަހު ވޯލްޑް ކަޕް ގެންދެވުނީ ނައިޖީރިއާގެ އަބޫޖާ އަށެވެ. ކުރީގެ އެތައް ކުޅުންތެރިންނަކާއެކު ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވެސް ތައްޓާއެކު ފޮޓޯ ނެންގެވިއެވެ.
ނައިޖީރިއާގެ ދެ ސަރަހައްދެއްގައި 7500 މީހުން ތަށްޓާއެކު ފޮޓޯ ނެގުމަށްފަހު ސެނަގާލްގެ ރައީސް މަކީސާލް އަށް ތަށި އެރުވުނެވެ. ކުރީގެ ފޯވަޑް އަލްހާޖީ ދިއޫފް ވެސް ބައިވެރި ރަސްމިއްޔާތުތަކަށްފަހު ވޯލްޑް ކަޕް ފަހު މަންޒިލަކަށްވީ އައިވަރީ ކޯސްޓަށް ފަހު މިސުރެވެ. އެޤައުމަކީ މި ފަހަރުގެ ވޯލްޑް ކަޕުގައި އެފްރިކާ ތަމްސީލު ކުރާނެ އެންމެ މުހިންމު ޤައުމެވެ. މުޅި އެފްރިކާއިން ވޯލްޑް ކަޕް ތަށްޓަށް ލިބިފައިވަނީ އާދަޔާ ހިލާފު އެއްބާރުލުމަކާއި ތަރުހީބެކެވެ.